Last Updated: July 25, 05:49
Friday, July 25, 2025
ޚަބަރު

ރާއްޖޭގައި ވޮލީބޯޅަ ކުރިއަރުވަން ޗައިނާ އޮތީ ތައްޔާރަށް

ރާއްޖޭގެ ވޮލީބޯޅަ ކުރިއެރުވުމަށް ޗައިނާ އޮތީ ތައްޔާރަށް ކަމަށާއި، ދިވެހި ސަރުކާރާ ގުޅިގެން ގިނަ ކުޅިވަރުތަކަކުން ތަމްރީންތަކާއި، ވަސީލަތްތައް ފަހިކޮށްދެއްވާނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލީޝިން ވިދާޅުވެއްޖެ އެވެ.

މިމަހުގެ 15 އިން ފެށިގެން އަންނަ މަހުގެ 5 ވަނަ ދުވަހާ ހަމައަށް ޗައިނާގެ ހަންޒޫ ސިޓީގައި ކުރިއަށްދާ ވޮލީބޯޅަ ކޯޗިން ކޯހުގެ ބައިވެރިންނާ ބައްދަލުކުރައްވާ ޗައިނާ ސަފީރު ވިދާޅުވީ ރާއްޖޭގައި ވޮލީބޯޅަ ފޯރި ވަރަށް ބޮޑަށް އެބައޮތްކަމަށާއި، މި ތަމްރީން ޕްރޮގްރާމަކީ ވޮލީބޯޅަ އިތުރަށް ފުޅާކުރަންވެވޭ އެހީތެރިކަމެއްގެ ގޮތުގައި ގަބޫލުކުރައްވާ ކަމަށެވެ.

މިފަހަރު 20 ބައިވެރިންނާއިއެކު ޗައިނާގައި މި ތަމްރީން ޕްރޮގްރާމް ކުރިއަށްދިޔަ ނަމަވެސް އަންނަ އަހަރު ގިނަ ބަޔަކަށް ތަމްރީންގެ ފުރުސަތު ފަހިކޮށްދެވޭނެ ގޮތްތަކަކަށް މަސައްކަތްކުރައްވާނެ ކަމަށް ސަފީރު ވިދާޅުވި އެވެ. މިގޮތުން ޗައިނާގެ ކޯޗުން ރާއްޖެ ގެނެސް، ރާއްޖޭގައި ގިނަ ބަޔަކަށް ތަމްރީން ޕްރޮގްރާމް ގެންދިޔުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށްވެސް ވިދާޅުވި އެވެ.

ޗައިނާ އަކީ މީގެ ކުރިން ރާއްޖޭގެ އެހެން ކުޅިވަރުތައް ކުރިއެރުވުމަށްވެސް އެހީތެރިވާ ގައުމެކެވެ. މިގޮތުން ޓޭބަލް ޓެނިސް، ބާސްކެޓްބޯލް އަދި ފުޓްބޯޅަ ޓީމްތަކަށްވެސް ރަނގަޅު ފުރުސަތުތަކެއް އެ ގައުމުން ވަނީ ފަހިކޮށްދެއްވާފަ އެވެ.