އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް ބަލިވެއްޖެ އެވެ.
ލީގުގައި ކުޅުނު ހަތަރުވަނަ މެޗުން ސިޓީ މޮޅުވީ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ.
މި މެޗު ފެށިގެން 22 ވަނަ ސިކުންތުގެ ތެރޭގައި ބްރެންޓްފޯޑްގެ ޔުއޯނޭ ވިސާ ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. އޭގެ އިރުކޮޅެއްފަހުން ލީޑު ފުޅާކޮށްލަން ބްރެންޓްފޯޑުގެ ބްރަޔަން އެމްބުއޭމޯ އަށް ހުސް ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ.
ސިޓީ އަށް މެޗުގެ 19 ވަނަ މިނެޓްގައި ނަތީޖާ އެއްވަރުކޮށްދިނީ އިތުބާރު ފޯވާޑް، އާލިން ހާލަންޑް އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ސިޓީ އަށް ލީޑު ނަގައިދިން ގޯލުވެސް ކާމިޔާބުކޮށްދިނީ ހާލަންޑް އެވެ. މިއީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި އޭނާ ކާމިޔާބު ކުރި 9 ވަނަ ގޯލެވެ.
ލީގުގައި އެންމެފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވި މެންޗެސްޓާ ޔުނައިޓެޑް މިރޭ މޮޅުވީ ސައުތްހެމްޓަންއާ ބައްދަލުކޮށް 3-0 އިންނެވެ.
މި މެޗުގެ ކުރީކޮޅު ސައުތްހެމްޓަން އިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 33 ވަނަ މިނެޓްގައި އެޓީމަށް ޕެނަލްޓީއެއް ވެސް ލިބިފައިވެ އެވެ. ނަމަވެސް ސައުތްހެމްޓަންގެ ކެމެރަން އާޗާ ފޮނުވާލި ޕެނަލްޓީ ޔުނައިޓެޑްގެ ގޯލްކީޕަރު އަންދްރޭ އޮނާނާ ވަނީ މަތަކޮށްފަ އެވެ. އޭގެ ދެ މިނެޓް ފަހުން މަތިއަސް ޑިލައިޓް ވަނީ ޔުނައިޓެޑަށް ލީޑު ނަގައިދީފަ އެވެ. އަދި މެޗުގެ 41 ވަނަ މިނެޓްގައި މާކަސް ރަޝްފޯޑްގެ ގޯލުން ޔުނައިޓެޑުން ލީޑު ފުޅާކުރި އެވެ.
މެޗުގެ 79 ވަނަ މިނެޓްގައި ޔުނައިޓެޑްގެ އެލެހެންޑްރޯ ގަނާޗޯ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ސައުތްހެމްޓަންގެ ޖެކް ސްޓެފަންސް އަށް ރަތްކާޑު ދައްކާފަ އެވެ. މި މެޗުގައި ޔުނައިޓެޑުން ޖެހި ތިންވަނަ ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ގަނާޗޯ އެވެ.
ލިވަޕޫލް މިރޭ އަމިއްލަ ދަނޑުގައި 1-0 އިން ބަލިވީ ނޮޓިންހަމް ފޮރެސްޓް އަތުންނެވެ. މިއީ 1969 ވަނަ އަހަރަށް ފަހު ލިވަޕޫލްގެ ދަނޑުގައި އެޓީމުގެ މައްޗަށް ފޮރެސްޓުން ކުރި ހޯދި ފުރަތަމަ ފަހަރެވެ.
ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗުން މޮޅުވި ލިވަޕޫލުން މި މެޗުގައި ގޯލްޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެ އެވެ. އެގޮތުން ލުއިސް ޑިއާޒް ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު، ލިވަޕޫލުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ފޮރެސްޓްގެ ގޯލްކީޕަރު މެޓްޒް ސެލްސްގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 72 ވަނަ މިނެޓްގައި ފޮރެސްޓަށް ކާމިޔާބުކޮށްދިނީ ކަލުމް ހަޑްސަން އޮޑޯއި އެވެ. އޭނާ މި ގޯލު ކާމިޔާބު ކުރީ ލިވަޕޫލްގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއްގެ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ. މިއީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި ލިވަޕޫލަށް ކޮޅަށް ވަތް ފުރަތަމަ ގޯލެވެ.