Last Updated: July 25, 05:49
Friday, July 25, 2025
ކުޅިވަރު

ފަހު ވަގުތު ޗެލްސީ މޮޅުކޮށްދިނީ އެންކުންކޫ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމަތްގެ މައްޗަށް 1-0 އިން ޗެލްސީ ކުރި ހޯދައިފި އެވެ.

މިއީ ޕްރިމިއާ ލީގުގައި ކުޅުނު ހަތަރު މެޗުން ޗެލްސީ ހޯދި ދެވަނަ މޮޅެވެ. އަނެއް ދެ މެޗުގެ ތެރެއިން އެއް މެޗުން އެޓީމު ބަލިވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 38 ވަނަ މިނެޓްގައި ބޯންމަތަށް ވަނީ ލީޑު ނަގަން ޕެނަލްޓީއެއް ލިބިފަ އެވެ. ނަމަވެސް ބޯންމަތްގެ އެވަނިލްސަން ފޮނުވާލި ޕެނަލްޓީ ޗެލްސީގެ ގޯލްކީޕަރު ރޮބަޓް ސަންޗޭޒް ވަނީ މަތަކޮށްފަ އެވެ. ފުރަތަމަ ހާފުގައި ބޯންމަތުން ޗެލްސީގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައިވެ އެވެ.

ދެވަނަ ހާފްގައި މެންޗެސްޓާ ޔުނައިޓެޑުން ދާދިފަހުން ޗެލްސީއާ ގުޅުނު ޖޭޑަން ސަންޗޯ ކުޅެން އެރިއިރު، އޭނާ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 86 ވަނަ މިނެޓްގައި ކްރިސްޓޮފާ އެންކުންކޫ ޗެލްސީ އަށް ކާމިޔާބުކޮށްދިނީ ވެސް ސަންޗޯ ދިން ޕާހަކުންނެވެ. ބެންޗުން ކުޅެން އެރި އެންކުންކޫ މި ގޯލު ކާމިޔާބު ކުރީ ބޯންމަތްގެ އޭރިއާގެ ތެރޭ ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.

މި މެޗުގައި 15 ރީނދޫ ކާޑު ފެނިގެން ގޮސްފައިވާއިރު، މިއީ ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް މެޗެއްގައި އެންމެ ގިނަ އަދަދަކަށް ރީނދޫ ކާޑު ފެނިގެންދިޔަ މެޗުކަން ފާހަގަކޮށްލެވެ އެވެ.