Last Updated: July 24, 21:50
Friday, July 25, 2025
ކުޅިވަރު

އާސެނަލުން ޓޮޓެންހަމް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލުން 1-0 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށްފި އެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗަށް އާސެނަލުން ނިކުތީ އެޓީމުގެ މުހިއްމު ދެ މިޑްފީލްޑަރުންނާ ނުލަ އެވެ. އެގޮތުން އަނިޔާގެ ސަބަބުން އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް އާއި ސަސްޕެންޝަނުގެ ސަބަބުން ޑެކްލަން ރައިސް މި މެޗުގައި ކުޅެފައެއް ނުވެ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ގޯލެއް ކާމިޔާބު ކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޓޮޓެންހަމްގެ ފޯވާޑް ޑޮމިނިކް ސޮލާންކޭ އަށެވެ. އެގޮތުން އާސެނަލްގެ އޭރިއާ ތެރެއަށް ސޮން ހުރަސްކޮށްލި ބޯޅަ ސޮލާންކޭ ބޮލުން ފޮނުވާލުމުން ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު އާސެނަލުން ކާމިޔާބު ކުރީ މެޗުގެ 64 ވަނަ މިނެޓްގަ އެވެ. ބުކާޔޯ ސަކާ ނަގައިދިން ހުރަހަކުން ޓޮޓެންހަމްގެ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން މި ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ގެބްރިއަލް އެވެ.

މި ގޯލަށް ފަހު އާސެނަލުން ވަރަށް ބޮޑަށް ފަހަތަށް ފައިބައިގެން ކުޅެމުންދިޔައިރު، ޓޮޓެންހަމަށް އާސެނަލްގެ ޑިފެންސް ފޫއަޅުވާލުމުގައި ވަނީ ބޮޑެތި ދަތިތަކަކާއި ކުރިމަތިލާން ޖެހިފަ އެވެ.

ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ އެވެ. ޓޮޓެންހަމް ނިކުންނާނީ ބްރެންޓްފޯޑާއި ދެކޮޅަށެވެ.