Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ބަންކަރިންގެ ހިދުމަތް ބުރާސްފަތީގައި ފަށަނީ

ބަންކަރިން ހިދުމަތަށް ގެނައި ބޯޓެއް

ރާއްޖޭގައި ބަންކަރިންގެ ހިދުމަތް މި މަހުގެ 19 ގައި ފަށަން ނިންމައިފި އެވެ.

އެސްޓީއޯ އާއި އެމްޕީއެލް ގުޅިގެން ބަންކަރިންގެ ޚިދުމަތް އެންމެ ފުރަތަމަ ފަށަން ހަމަޖެހިފައި ވަނީ އިހަވަންދިއްޕޮޅުގައި ކަމަށްވާއިރު، އެ ހިދުމަތް ފެށުމަށް ބޭނުންވާ ދެވަނަ ބޯޓު ވެސް މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ.

ދައުލަތުގެ މީޑިއާގައި ރޭ ވާހަކަދައްކަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ ޕްލޭނުގައިވާ ގޮތުން މި މަހުގެ 19 ގައި ބަންކަރިންގެ މަސައްކަތް ފެށޭނެ ކަމަށާއި މި ހިދުމަތް ފަށާ ދުވަހު ވެސް ކަސްޓަމަރުން ލިބޭނެ ކަމަށެވެ. ބަންކަރިންގެ ހިދުމަތާ އެކު އިންޓަނޭޝަނަލް ކަސްޓަމަރުންނަށް، އިތުރު 14 ހިދުމަތެއް އެމްޕީއެލްގެ ފަރާތުން ފޯރުކޮށްދޭނެ ކަމަށާއި މިއީ ކަސްޓަމަރުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ވެސް ދެވޭނެ ހިދުމަތްތަކެއް ކަމަށް ވަޖީހު ވިދާޅުވި އެވެ.

އެމްޕީއެލް އިން މި ހިދުތަމަށް 24 ގަޑިއިރުގެ ކޯލް ސެންޓަރެއް ވެސް ގާއިމުކޮށްފައިވާ ކަމަށާއި މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ހއ. ހޯރަފުށި ފަޅު ހިއްކައިގެން، އެތަނުގައި ތެޔޮ ޓާމިނަލަކާއި ބައިނަލްއަގުވާމީ ފެންވަރުގެ ކޮންޓެއިނާ ޓާމިނަލެއް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވަޖީހު ވިދާޅުވި އެވެ.

މީގެއިތުރުން އުތުރަށް ދަތުރުކުރާ ބޯޓުފަހަރަށް ބޭނުންވާ ޑީޕް ސީ މެއިންޓަނެންސަށް ހާއްސަ ޓާމިނަލެއް ހއ. އިހަވަންދޫގައި ގާއިމުކުރުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި ވަރަށް އަވަހަށް އިހަވަންދޫގައި ޑޮކްޔާޑެއްވެސް ގާއިމުކުރުމަށް ވެސް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.