Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ޔޮޓް މެރީނާ ހަދަން 6 ފަރާތަކުން ޝައުގުވެރިވެއްޖެ

ހއ. އުލިގަމު

ހއ. އުލިގަމުގައި ޔޮޓް މެރީނާ ހެދުމަށް ހަ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އާއި އުލިގަމު ކައުންސިލާ ދެމެދު މިދިޔަ މަހުގެ ކުރީކޮޅު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން އެމްޕީއެލް އިން އުލިގަމުގައި ޔޮޓް މެރިނާއެއް ތަރައްގީކޮށް، ޔޮޓްތަކަށް ބޭނުންވާ ޚިދުމަތްތައް އުލިގަމުން ފޯރުކޮށް ދޭން ބޭނުންވާ ވަސީލަތްތައް ގާއިމުކުރާނެ އެވެ.

ދައުލަތުގެ މީޑިއާގައި ރޭ ވާހަކަދައްކަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ އުލިގަމަކީ ޒަމާނުއްސުރެން ފެށިގެން އަހަރެއްގެ މައްޗަށް އެތައް ސަތޭކަ ޔޮޓެއް އަންނަ ރަށެއް ކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް ސަރުކާރަކުން އެއްވެސް ކަމެއް އެ ރަށަށް ކޮށްދީފައި ނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ލަސްތަކެއް ނުވެ ޔޮޓް މެރީނާއެއް ތަރައްގީ ކުރަން ކަމަށާއި އެކަމަށް ހުޅުވާލުމުން ހަ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވަޖީހު ވިދާޅުވި އެވެ.

"އެކަމަށް ޝައުގުވެރިކަން ކުރި ހަ ޕާޓީއަކުން އެބައޮތް ކުރިމަތިލާފައި. މިހާރު މިގެންދަނީ އެ މަސައްކަތް ކުރަމުން،" ވަޖީހު ވިދާޅުވި އެވެ.

ވަޖީހު މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި ޔޮޓް މެރީނާ ގާއިމްކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ އެވެ. އަދި އަމަލީ މަސައްކަތް ފެށުމުން ހަ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ފުރިހަމަކޮށް، ޚިދުމަތް ފޯރުކޮށްދޭން ފަށާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އުލިމަގަމަކީ ރާއްޖޭގައި މިހާރު އެންމެ ގިނައިން ޔޮޓްފަހަރު ބަނދަރުކުރާ ރަށެވެ.