Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

"އިންކްލޫސިވް މޮޑެލް" އަށް 30 ސްކޫލެއް

"ތައިބަ" ގެ ސިސްޓަމް ޓްރާންސްފޮމޭޝަން ގްރާންޓްގެ ދަށުން ދެ ފިޔަވައްސަކަށް ބަހާލައިގެން "އިންކްލޫސިވް މޮޑެލް" އަށް 30 ސްކޫލެއް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުން ބުނެފި އެވެ.

އެތަނުން ބުނީ ފުރަތަމަ ފިޔަވަހީގެ ދަށުން މި އަހަރު 15 ސްކޫލް، ދެ ވަނަ ފިޔަވަހީގެ ދަށުން 15 ސްކޫލް އަންނަ އަހަރު ތަރައްޤީ ކުރަން ނިންމާފައިވާ ކަމަށެވެ. ފުރަތަމަ ފިޔަވަހީގައި "އިންކްލޫސިވް މޮޑެލް ސްކޫލް" ގެ ގޮތުގައި ތަރައްޤީ ކުރާ 15 ސްކޫލުގެ ތެރެއިން 12 ސްކޫލުގެ ޕްރިންސިޕަލުންނާ ބައްދަލުކޮށް އެ މަސައްކަތް ކުރިއަށް ދާނެ ގޮތާ ގުޅޭ މައުލޫމާތު ވެސް މިހާރު ވަނީ ހިއްސާކޮށްފައެވެ.

ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުން ބުނީ "ތައިބަ" ޕްރޮޖެކްޓްގެ ތެރެއިން އެކްސަބިލިޓީ ގްރާންޓާއި އެގްޒިސްޓް ޓެކްނޮލޮޖީ ގްރާންޓުގެ ދަށުން ކުރިއަށް ގެންދާ އެ ޕްރޮޖެކްޓް ކުރިއަށް ގެންދަން ޔުނިސެފަށް ހުށައަޅަން ޑޮކިއުމަންޓް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

މި ޕްރޮޖެކްޓަށް 30 ސްކޫލެއް ކަނޑައެޅީ ހުރިހާ އަތޮޅެއް ހިމެނޭ ގޮތަށެވެ. އެގޮތުން ކޮންމެ އަތޮޅަކުން އެއް ސްކޫލަކީ "އިންކްލޫސިވް މޮޑެލް" އަށް އެއްކޮށް ހާއްސަވެފައިވާ ސްކޫލަކަށް ހަދަން ނިންމާފައިވެ އެވެ.

ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުން ބުނީ ސްކޫލްތައް ހޮވުމުގައި ހުރިހާ އަތޮޅަކަށް ފުރުޞަތު ދެވި، އާބާދީ އާއި ވަޞީލަތްތަކަށް ބަލާފައިވާނެ ކަމަށެވެ.

"ތައިބަ" ޕްރޮޖެކްޓަކީ ޖީޕީއީ އާއި ވޯލްޑް ބޭންކާ ގުޅިގެން ޔުނިސެފުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ ތިން ގްރާންޓަކަށް 9.5 މިލިއަން ޑޮލަރު ކަނޑައަޅާފައިވެ އެވެ.