Last Updated: July 23, 22:21
Wednesday, July 23, 2025
ޚަބަރު

ދިއްގަރުގައި ސްވިމިން ޓްރެކެއް އަޅަނީ

މ. ދިއްގަރުގައި ސްވިމިން ޓްރެކެއް އެޅުމުގެ އަމަލީ މަސައްކަތް މި އަހަރު ފެށޭނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

ކުޅިވަރު ވުޒާރާ އާއި މުލަކު އަތޮޅު ދިއްގަރު ކައުންސިލް އާއި އެ ރަށުގެ ޕޮލިސް ސްޓޭޝަންގެ އިތުރުން ސްވިމިން އެސޯސިއޭޝަނުން ގުޅިގެން ދިއްގަރުގައި ވަނީ ފަތަން ދަސްކޮށްދޭ ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފަ އެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދަމުން އަންނަ "ފަތަމާ ހިނގާ" ޕްރޮގްރާމެވެ.

"ފަތަމާ ހިނގާ" ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދުރާފިޢު ވިދާޅުވީ މި ރަށުން އެކަނި 200 އަށްވުރެ ގިނަ ކުދިން މި ޕްރޮގްރާމްގައި ބައިވެރިވެ ފަތަން ދަސްކުރުމަކީ މިކަހަލަ ޕްރޮގްރާމްތައް ކުރިއަށްގެންދަން ލިބުނު ހިތްވަރެއް ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު މިރަށަށް ބޭނުންވަނީ ފަތާ ޓްރެކެއް ކަމަށާއި، ސަބަބަކީ ފަތަން ދަސްކުރުމަށްފަހު ވާދަވެރި މާހަައުލެއްގައި ވާދަކުރަން ޓްރެކެއް އޮތުން މުހިންމު ކަމަށެވެ. މި ޕްރޮގްރާމުން އުނގެނުނު އެއްޗެއްގެ ބޭނުން ހިފައި ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރިއަށްގެންދެވޭނެ މަގު ފަހުކޮށްދެއްވާނެކަމަށް ވަޒީރު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި މިރަށުގައި ސްވިމިން ޓްރެކެއް އެޅުމުގެ އަމަލީ މަސައްކަތް ފެށޭނެ" ރާފިއު ވިދާޅުވި އެވެ.

ދިއްގަރުގައި 200 އަށްވުރެ ގިނަ ސްކޫލް ކުދިންނަށް ފަތަން ދަސްކޮށްދިން މި ޕްރޮގްރާމް ކުރިއަށްގެންގޮސްދިނީ "ފަތަމާ ހިނގާ" ޕްރޮގްރާމްގެ އެމްބެސެޑަރ ނައުފަލް މޫސާ އެވެ.