އެސްޓީއޯ މެދުވެރިކޮށް ރާއްޖެ އަށް އިތުރަށް ފިޔާ ގެންނަން ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ބާޒާރުގައި މިވަގުތު ފިޔާގެ ދަތިކަން ހުރިކަމާއި އަދި އަގުތައް ވެސް މަތިވެފައި ހުރިކަން ފާހަގަކުރެވޭ ކަމަށާއި ފިޔާގެ އަގުތައް މަތިވެފައި ހުރީ އިންޑިއާ އިން ފިޔާ އެކްސްޕޯޓް ކުރާ މިންވަރު މަދުވުމުގެ ސަބަބުން ކަމަށެވެ.
އެކަން ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި ބާޒާރުގައި އަސާސީ މުދަލުގެ ބާވަތެއް މަދުވެގެން އުޅޭ ކަމަށް ފާހަގަކުރެވޭނަމަ އެ މުދަލެއް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން ސަރުކާރުން އަބަދުވެސް އިސްވެ މަސައްކަތް ކުރާނެ ކަމަށް ހީނާ ވިދާޅުވި އެވެ. އެގޮތުން އަންނަ ހަފްތާގެ ހޮނިހިރު ނުވަތަ އާދީއްތާގައި އެސްޓީއޯ މެދުވެރިކޮށް ރާއްޖެ އަށް އިތުރަށް ފިޔާ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ހީނާ ވިދާޅުވި އެވެ.
އެއާއެކު މިހާރު ދިމާވެގެން އުޅޭ މައްސަލަ އަށް ހައްލު ލިބިގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި މިފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ އެކަން ހައްލުކުރަން އެސްޓީއޯ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކޮމިޓީއެއް ހަދާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.