ފެނަކަ ޑިޖިޓަލައިޒް ކުރުމަށް އެކުލަވާލި މަގުޗާޓު ތަޢާރަފްކޮށްފި އެވެ.
ފެނަކައިން ބުނީ މި މަގުޗާޓުގައި ކުންފުނިން ދެމުންދާ ޚިދުމަތްތައް އޮމާންކަމާއެކު، މިހާރަށްވުރެ އަވަސްކޮށް ދިނުމަށް މަގުފަހިވާނެ ތަފާތު އެކި ސޮފްޓެވެއާތަކާއި ޕޯޓަލްތައް ހިމެނޭނެ ކަމަށެވެ.
އެގޮތުން މިއަދު އިފްތިތާޙް ކުރެވުނު ގިރުނބާއަކީ، މި މަގުޗާޓުގެ ދަށުން އެކުލަވާލެވި، ބޭނުން ކުރަން ފެށުނު އެންމެ މުހިއްމު ޑިޖިޓަލް ކޮމްޕޮނެންޓެވެ. މިއީ، ފެނަކައިން ރަށްރަށުގައި ދެމުންދާ ޚިދުމަތްތަކާ ގުޅޭ ގިނަ ޑޭޓާތަކެއް ވަގުތުން ވަގުތަށް ރައްކާ ކުރެވި، ރަށްރަށުގައި ޤާއިމްކުރެވިފައިވާ ފެނަކަ އިންޖީނުގެތަކާއި، ފެން ޕްލާންޓުތަކުގެ ޙާލަތު ވަގުތުން ފެންނަގޮތަށް ފަރުމާ ކުރެވިފައިވާ ޕޯޓަލްއެއް ކަމަށް ފެނަކަ އިން ބުނެ އެވެ. މިއާއެކު ޚިދުމަތްތަކަށް ބުރޫއަރާފާނެ ޙާލަތެއް ދިމާވުމުގެ ކުރިން، ދުރާލާ ތައްޔާރުވެ ފިޔަވަޅުތައް އެޅުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް ފެނަކަ އިން ހާމަކުރެ އެވެ.
ގިރުނބާގެ އިތުރުން، ކުންފުނީގެ އެޗްއާރ މަސައްކަތްތައް ޒަމާނީކޮށް ޑިޖިޓަލައިޒް ކުރުމަށް ޙާއްސަ ސޮފްޓްވެއަރއެއްވެސް ތައާރަފްކޮށްފައިވެ އެވެ. މި ސޮފްޓްވެއަރއާއެކު، ޗުއްޓީއަށް އެދުމާއި ސަލާމް ބުނުންފަދަ، މުވައްޒަފުންނާ ސީދާ ގުޅުންހުރި ކަންކަމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ފެނަކައިން މައުލޫމާތުދެ އެވެ.
މީގެ އިތުރުންވެސް ފެނަކަ ޓެންޑަރ ޕޯޓަލްއާއި، ޓިކެޓިން ސިސްޓަމް، ފިއުލް މެނޭޖްމަންޓް ސިސްޓަމް، މައިފެނަކަ ޕޯޓަލްފަދަ، ކަސްޓަމަރުންނަށް ކުންފުނީގެ ޚިދުމަތްތައް ހޯދުމަށް ފަސޭހަ ވެގެންދާނެ އެތައް ކަމެއް މި މަގުޗާޓުގައި ހިމެނިފައިވެ އެވެ. މީގެތެރެއިން އެޗްއާރ ސިސްޓަމް ފިޔަވައި، ދެން ހުރި ސޮފްޓްވެއަރތަކަކީ، ފެނަކައިގެ ޑިވެލޮޕަރުންނާއި ސޮފްޓްވެއަރ އިންޖިނިއަރުން ތަރައްޤީކުރާ ފެނަކައިގެ އަމިއްލަ ސޮފްޓްވެއަރތަކެއް ކަމަށް ފެނަކަ އިން ބުނެ އެވެ.
ފެނަކަ ޑިޖިޓަލައިޒް ކުރުމުގެ ދަށުން، ޕަވަރ މޮނިޓަރ ކުރުމަށް ބޭނުންކުރެވޭ ސެންޓްރަލް ސްކާޑާ ސިސްޓަމް ތ އަތޮޅުގައި މިހާރު ވަނީ ބޭނުން ކުރަން ފަށާފަ އެވެ. އަދި ކުންފުނިން ބޭނުންކުރަމުންދާ ހުރިހާ ކަރަންޓު މީޓަރެެއް ސްމާރޓް މީޓަރަށް ބަދަލުކުރުމުގެ ކުރުމަކީވެސް ފެނަކައިގެ ޑިޖިޓަލް ޕްލޭންގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ޕްރޮޖެކްޓްގެ ދަށުން ދ.ކުޑަހުވަދޫގައި ސްމާރޓް މީޓަރު ޤާއިމްކޮށް ރަސްމީކޮށް ޚިދުމަތްދޭން މިހާރު ވަނީ ފަށާފަ އެވެ.