Last Updated: July 23, 22:40
Wednesday, July 23, 2025
ކުޅިވަރު

ފަހަތުން އަރާ ލިވަޕޫލުން މިލާން ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ލިވަޕޫލުން 3-1 އިން އޭސީ މިލާން ބަލިކޮށްފި އެވެ.

މިލާންގެ ދަނޑުގައި ކުޅުނު މި މެޗުގެ ތިންވަނަ މިނެޓްގައި ކްރިސްޓިއަން ޕުލިސިޗް ވަނީ މިލާނަށް ލީޑު ނަގައިދީފަ އެވެ. މިއީ ބޯޅަ ހިފައިގެން ލިވަޕޫލްގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބު ކުރި ގޯލެކެވެ.

ލިވަޕޫލުން ނަތީޖާ އެއްވަރުކުރީ މެޗުގެ 23 ވަނަ މިނެޓްގަ އެވެ. ޓްރެންޓް އަލެކްސަންޑަ އާނޯލްޑް މިލާންގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެން ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދިނީ އިބްރާހިމާ ކޮނާޓޭ އެވެ. މި ގޯލަށްފަހު ލިވަޕޫލުން މެޗުގެ ކޮންޓްރޯލް ހޯދިއިރު މެޗުގެ 41 ވަނަ މިނެޓްގައި ވާޖިލް ވެންޑައިކް ވަނީ ލިވަޕޫލަށް ލީޑު ނަގައިދީފަ އެވެ. މިއީ ވެސް މިލާންގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެން ކާމިޔާބު ކުރި ގޯލެކެވެ.

ދެވަނަ ހާފުގައި ވެސް ލިވަޕޫލުން މިލާންގެ ގޯލަށް ދިޔައީ ކުރަމުންނެވެ. އެގޮތުން ކޯޑީ ގަކްޕޯ ދިން ޕާހަކުން މެޗުގެ 67 ވަނަ މިނެޓްގައި ޑޮމިނިކް ސޮބޮސްލާއި ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ އެސްޓަންވިލާ އިން ވަނީ 3-0 އިން ޔަންގް ބޯއީސް ބަލިކޮށްފަ އެވެ. އަދި ޔުވެންޓަަސް އިން 3-1 އިން ޕީއެސްވީ ބަލިކުރިއިރު، ސްޕޯޓިން ލިސްބަން އިން ވަނީ 2-0 އިން ލިލް ބަލިކޮށްފަ އެވެ.