ޗެމްޕިއަންސް ލީގުގައި ރޭ ރެއާލް މެޑްރިޑުން 3-1 އިން ސްޓުޓްގާޑް ބަލިކުރިއިރު، ރެއާލްގެ ޒުވާން ފޯވާޑް، އެންޑްރިކް ހާއްސަ ރެކޯޑެއް ހަދައިފި އެވެ.
ރޭގެ މެޗުގައި ކާމިޔާބު ކުރި ގޯލާއެކު އުމުރުން 18 އަހަރުގެ އެންޑްރިކް ވެގެން ގޮސްފައިވަނީ ޗެމްޕިއަންސް ލީގުގައި ރެއާލަށް ގޯލެއް ކާމިޔާބުކޮށްދިން އެންމެ ހަނގު ކުޅުންތެރިޔާ އަށެވެ. މި ރެކޯޑް މީގެކުރިން އޮތީ ރެއާލްގެ ލެޖެންޑް ރައުލް ގޮންޒާލޭޒްގެ އަތުގަ އެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ފެނިގެން ގޮސްފައި ނުވާއިރު، ދެވަނަ ހާފް ފެށުނުތަނާހެން ގޮތަކަށް ރެއާލުން ވަނީ ލީޑު ނަގާފަ އެވެ. ރޮޑްރިގޯ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭ އެވެ. މެޗުގެ 68 ވަނަ މިނެޓްގައި ސްޓުޓްގާޓްގެ ފޯވާޑް ޑެނިޒް އުންޑާވް އެޓީމަށް ނަތީޖާ އެއްވަރުކޮށްދިންއިރު، ރެއާލަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ މެޗުގެ 83 ވަނަ މިނެޓްގައި އެންޓޯނިއޯ ރުޑިގާ އެވެ.
ރެއާލްގެ ތިންވަނަ ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ އެންޑްރިކް ކާމިޔާބުކޮށްދިނީ އެޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. އެންޑްރިކް ކުޅެން އެރީ މެޗުގެ ފަހު 10 މިނެޓްތެރޭގަ އެވެ.
އެންޑްރިކް ރެއާލްއާ ގުޅުނީ ބްރެޒިލްގެ ޕަލްމެރިއާސް އިން ކަމަށްވާއިރު، އޭނާ ވަނީ ރެއާލަށް މިހާތަނަށް ކުޅެދިން 11 މެޗުގައި ތިން ގޯލު ކާމިޔާބުކޮށްދީފަ އެވެ.