Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ދޫކޮށްލަނީ ނުހިނގާ ޕްރޮޖެކްޓުތަކުގައި ތިބި މުވައްޒަފުން

ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު - ފޮޓޯ: ރައީސް އޮފީސް

ފެނަކަ އިން ދޫކޮށްލަން ނިންމާފައި ވަނީ މިވަގުތު މަސައްކަތް ނުހިނގާ ޕްރޮޖެކްޓުތަކަށް ނަގާފައި ތިބި މުވައްޒަފުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ފެނަކަ އިން ބުނީ އެ ކުންފުނިން 2020 ވަނަ އަހަރުން ފެށިގެން އިންހައުސްކޮށް ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްތަކަކީ، މާކެޓް ރޭޓަށްވުރެ އެތައް ގުނައެއް ބޮޑުކޮށް، ކުންފުންޏަށް ނުހަނު ގެއްލުވާ ގޮތަށް، ބޭނުންވާ އަދަދަށްވުރެ އިތުރަށް މުވައްޒަފުން ނަގައިގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްތަކެއް ކަމަށެވެ.

ކުންފުނި މިހާރު ތަޙައްމަލް ކުރަމުންދާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ނުނިމި ދިގުލައިގެން ގޮސްފައިވާ ޕްރޮޖެކްޓްތައް، ޚަރަދު ކުޑަ އުސޫލަކުން ކުރިޔަށް ގެންދިޔުމަށްޓަކައި އެ ޕްރޮޖެކްޓްތަކަށް ނަގާފައިވާ މުވައްޒަފުން ދޫކޮށްލުމަށް ކުންފުނީގެ ބޯޑުން ނިންމައި އެ މުވައްޒަފުންނަށް ނޯޓިސް ފޮނުވަން ފަށާފައިވާ ކަމަށް ފެނަކަ އިން ބުނެ އެވެ.

"މިގޮތުން ދޫކޮށްލެވޭ ގިނަ މުވައްޒަފުން ނަގާފައިވާ ޕްރޮޖެކްޓްތަކަކީ މިވަގުތު މަސައްކަތް ނުހިނގާ ޕްރޮޖެކްޓްތަކެކެވެ،" ފެނަކަ އިން ބުނެ އެވެ.

ފެނަަ އިން ބުނީ އެ ކުންފުނިން އެންމެ އިސްކަމެއް ދޭނީ، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށް ދިނުމަށް ކަމަށްވާތީ، ކުންފުންޏަށް ގެއްލުންވާނެ އެއްވެސްކަމެއް ކުރިޔަށް ނުގެންދިޔުމަށްވެސް ނިންމާފައިވާ ކަމަށެވެ.