Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

އުތުރުގެ އައިއެސްޕީއެސް ގޭޓް ހުޅުވައިފި

ރާއްޖެގެ އުތުރުން ދަތުރުކުރާ ބޯޓުފަހަރަށް ބޭނުންވާ މެރިޓައިމް ހިދުމަތްތައް ދިނުމަށް އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިފްތިތާހުކޮށްފި އެވެ.

ހއ. އުލިގަމުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އައިއެސްޕީއެސް ގޭޓް އިފުތިތާހުކޮށްދެއްވީ ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ އުލިގަމުގެ މެޖިސްޓްރޭޓް ރިޓަޔާޑް އަލްއުސްތާޒް އިދުރީސް އާދަމެވެ. މެރިޓައިމް ޚިދުމަތްތައް ދޭނީ އެމްޕީއެލްގެ ފަރާތުންނެވެ.

ރާއްޖޭގެ އެންމެ އުތުރު ކަމަށްވާ އިހަވަންދިއްޕޮޅަކީ ކޮންމެ ދުވަހަކު ވެސް އެތައް ބޯޓުފަހަރެއް ދަތުރުކުރާ ސަރަހައްދެކެވެ. އެ ސަރަހައްދުން ކޮންމެ ދުވަހަކު 200 އަށްވުރެ ގިނަ އާގުބޯޓު ދަތުރު ކުރެ އެވެ.

އެސްޓީއޯ އާއި އެމްޕީއެލް ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ބަންކަރިން ހިދުމަތް މާދަމާ އިހަވަންދިއްޕޮޅުގައި ފަށަން ތައްޔާރުވެފައިވާ އިރު، މި ހިދުމަތް ފެށުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ވަނީ ނިންމައިފަ އެވެ. އެގޮތުން އެ ހިދުމަތް ފެށުމަށް ބޭނުންވާ ދެ ބޯޓު ވެސް މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ.

ބަންކަރިންގެ ހިދުމަތާ އެކު އިންޓަނޭޝަނަލް ކަސްޓަމަރުންނަށް، އިތުރު 14 ހިދުމަތެއް އެމްޕީއެލްގެ ފަރާތުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެމްޕީއެލް އިން ވަނީ މި ހިދުތަމަށް 24 ގަޑިއިރުގެ ކޯލް ސެންޓަރެއް ވެސް ގާއިމުކޮށްފަ އެވެ.