Last Updated: July 23, 22:21
Wednesday, July 23, 2025
ކުޅިވަރު

އާސެނަލް އެއްވަރު، ބާސާ ބަލިވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުން އާސެނަލް އެއްވަރުވިއިރު، ބާސެލޯނާ ބަލިވެއްޖެ އެވެ.

ރަށުން ބޭރުގައި ކުޅެ އާސެނަލް ލަނޑެއް ނުޖެހި އެއްވަރުވީ އިޓަލީގެ އެޓަލާންޓާއާ ދެކޮޅަށް ކުޅެގެންނެވެ. އަނިޔާގެ ސަބަބުން މި މެޗުގައި ވެސް އާސެނަލްގެ ކެޕްޓަން އަދި މިޑްފީލްޑަރު މާޓިން އޮޑެގާޑް ކުޅެފައެއް ނުވެ އެވެ.

މި މެޗުގައި ގޯލެއް ޖަހަން ދެވަނަ ހާފްގެ ކުރީކޮޅު އެޓަލާންޓާ އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އެޓީމުގެ މަޓެއޯ ރެޓެގުއި ފޮނުވާލި ޕެނަލްޓީ އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް ރަޔާ ވަނީ މަތަކޮށްފަ އެވެ. އާސެނަލަށް މި މެޗުގައި ގޯލެއް ކާމިޔާބު ކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗުގެ 74 ވަނަ މިނެޓްގައި ގެބްރިއެލް މާޓިނެއްލީ އަށެވެ. އެޓަލާންޓާގެ އޭރިއާ ތެރޭ ފުދޭވަރަކަށް ހުހަށް ހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ދަނޑި މަތިން ބޭރަށެވެ.

ބާސެލޯނާ ރޭ ބަލިވީ ރަށުން ބޭރުގައި ފްރާންސްގެ މޮނާކޯއާ ބައްދަލުކޮށް 2-1 އިންނެވެ.

މި މެޗުގެ 10 ވަނަ މިނެޓްގައި ބާސާގެ ޑިފެންޑަރު އެރިކް ގާސިއާ އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗުގެ ބޮޑު ބައި ފުރިހަމަ ކުރީ 10 ކުޅުންތެރިންނާއެކު އެވެ. ގާސިއާ ރަތްކާޑު ދެއްކީ މޮނާކޯގެ ޓަކޫމީ މިނަމީނޯ އަށް ކުރި ފައުލަކާއި ގުޅިގެންނެވެ.

މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 16 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މޮނާކޯ އިންނެވެ. ބާސާގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މެގްނަސް އަކްލޫޝް އެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔަމީން ޔަމާލްގެ ހިތްގައިމު ގޯލަކުން ބާސާ އިން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. ޔަމާލް މި ގޯލު ކާމިޔާބު ކުރީ މޮނާކޯގެ އޭރިއާގެ ރޮގުމަތީ ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ.

ދެވަނަ ހާފުގައި ލީޑު ނަގަން ދެ ޓީމުން ވެސް މަސައްކަތް ކުރަމުންދިޔައިރު، މި މެޗުން މޮޅުވި ގޯލު މޮނާކޯ އަށް މެޗުގެ 71 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖޯޖް އިލެކެންއާ އެވެ. މިއީ ބާސާގެ އޭރިއާ ތެރެއަށް މުޅިން ހުހަށް ވަދެ ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބު ކުރި ގޯލެކެވެ.

ޗެމްޕިއަންސް ލީގުގައި ރޭ އެތްލެޓިކޯ މެޑްރިޑުން 2-1 އިން ރެޑްބުލް ލީޕްޒިގް ބަލިކުރިއިރު، ބަޔާ ލެވަކޫސަން އިން ވަނީ 4-0 އިން ފޭނޫޑްގެ މައްޗަށް ކުރި ހޯދާފަ އެވެ. އަދި ބެންފީކާ އިން 2-1 އިން ސެރްވޭނާ ޒެޒްދާގެ މައްޗަށް ކުރި ހޯދާފަ އެވެ.