އިސްކަންދޭންވީ މައިންބަފައިންނަށް އުފާވެރިކަން ގެނެސްދޭން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ހުކުރު ހުތުބާގައި ބުނީ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިން ފުރަތަމަ ކަމަކަށް ނަބިއްޔާ ބަޔާންކޮށްދެއްވައިފައިވަނީ، މުސްލިމުންގެ ހިތަށް އުފާވެރިކަން ވައްދައިދިނުމާއި އެ މީހުންގެ ހިތްތައް ބާއްޖަވެރިކުރުމުގެ އިތުރަށް އެ މީހުންނަށް ހިނިތުންވުން ގެނެސްދިނުން ކަމަށެވެ.
"މިކަމުގައި އެންމެ އިސްކަންދޭންޖެހޭނީ ތިބާގެ މައިންބަފައިންނަށާއި އަނބިދަރީންނަށެވެ. ދެން ގާތްތިމާގެ މީހުންނަށާއި އަވަށްޓެރީންނަށެވެ،" ހުތުބާގައި ބުންޏެވެ.
ދެވަނަ ކަމަކީ، މުސްލިމް އަޚަކަށް ކުރިމަތިވާ މުޞީބާތަކުން އޭނާ ސަލާމަތްކޮށްދިނުން ކަމަށާއި އޭގެތެރޭގައި ކެއިންބުއިމުގެ ކަންތައްތައް ހަމަޖައްސައިދިނުމާއި، އުނުއޮރިއާން ނިވައިކޮށްދިނުމާއި، ބޭސްފަރުވާކުރުމަށް އެހީވެދިނުން ފަދަ، މާއްދީ ކަންތައްތަކާއި، ބިރުވެރިކަމެއް، ނުވަތަ ހާސްކަމެއް ކުރިމަތިވެފައިވާ މީހެއްގެ ހިތްހަމަޖައްސައިދިނުން ފަދަ މަޢުނަވީ ކަންތައްތައް ވެސް ހިމެނޭނެ ކަމަށް ބުނެފައިވެ އެވެ.
ހުތުބާގައި ތިންވަނަ ކަމަކަށް ފާހަގަކޮށްފައިވަނީ މުސްލިމު އަޚާގެ ދަރަނި ފުއްދައިދިނުމެވެ. އަދި ހަތަރުވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމަކީ ބަނޑުހައިހޫނުކަމުގައި ތިބޭ މީހުންނަށް ކާންދިނުން ކަމަށްވާއިރު ދިވެހީންނަކީ މި ކަމުގައި ވަރަށް ނަމޫނާ ބައެއް ކަމަށްވެސް ހުތުބާގައި ފާހަގަކޮށްފައިވެ އެވެ.
އަަދި ފަސް ވަނަ ކަމަކީ މީސްތަކުންގެ މުހުތާދުތައް ފުއްދައިދިނުމަށް ޓަކައި މަސައްކަތް ކުރުން ކަމަށްވާއިރު، އެއީ ނަބަވީ ޙަރަންފުޅުގައި މަސްދުވަހު އިޢުތިކާފަށް އިނުމަށް ވުރެ މާތް ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.