މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ހއ. އިހަވަންދޫ ކައުންސިލަށް ކްރޭނެއް ހަދިޔާކޮށްފި އެވެ.
އިހަވަންދޫ ބަނދަރު ސަރަހައްދުގައި އޮތް ރަސްމިއްޔާތެއްގައި އެ ރަށު ކައުންސިލަށް ކްރޭން ރަސްމީކޮށް ހަވާލުކޮށްދެއްވީ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ.
އެމް.ޕީއެލްއިން އިހަވަންދޫ ކައުންސިލަށް ހަދިޔާކުރީ "KOBELCO" ބްރޭންޑްގެ 25 ޓަނުގެ ކްރޭނެކެވެ. މިއީ އިހަވަންދޫ ކައުންސިލްގެ އެދުމަކަށް އެ ކައުންސިލަށް ހަދިޔާކުރި ކްރޭނެއް ކަމަށް އެމްޕީއެލުން މައުލޫމާތުދެ އެވެ.
އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވީ ކައުންސިލްތަކުން އެދޭ ކަންތައްތައް އެމްޕީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ފުރިހަމަކޮށްދިނުމަށް މަސައްކަތްކުރާ ކަމަށެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޟަބާޚް ވިދާޅުވީ ކްރޭނެއް ހޯދުމަށް އިހަވަންދޫ ކައުންސިލް އިން އެދުމުން، އެމްޕީއެލް އިން ވަރަށް އަވަހަށް އެކަން ފުރިހަމަކޮށްދީފައިވާ ކަމަށެވެ. އަދި އެމްޕީއެލްއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށް ވިދާޅުވި އެވެ.