އައްޑު އާއި ފުވައްމުލަކަށް ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ސަރުކާރުން ހަވާލުކޮށްފަައިވާ އެމްވީކޭ އިން އެގްރިމަންޓާ ތަކުރާރުކޮށް ހިލާފްވަމުންދާތީ އެ ކުންފުންޏާ ދޭތެރޭ ފިޔަވަޅު އަޅައި ދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ޓްރާންސްޕޯޓް މިނިސްޓްރީ އަށް ހުށަހަޅާފައި ވަނިކޮށް "ޑީލެެއްގެ ދަށުން" އެމްވީކޭ އިން ޓްރާންސްޕޯޓް ނެޓްވޯކް ޑިމްސް ކުންފުންޏާ ހަވާލު ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.
ވަރަށް އިތުބާރު ހުރި ގޮތަކަށް "އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި ދަތުރުފަތުރުގެ ނިޒާމް ޑިމްސް އާއި އެމްވީކޭ އާ ދެމެދުވެވޭ ޑީލެއްގެ ދަށުން ހަވާކު ކުރުމަށް ދެ ފަރާތުން ދަނީ މަޝްވަރާ ވެސް ކުރަމުންނެވެ. އަދި މިކަމުގައި ސަރުކާރު ތެރެއިން އެހީތެރިކަމެއް ދެވެން އޮތް ނަމަ، އެ ފުރުސަތު ފަހިކޮށް ދިނުމަށް އެމްވީކޭ އިން ދަނީ ލޮބީ ވެސް ކުރަމުންނެވެ.
އެހެން ނަމަވެސް މިކަމާ ބެހޭ ގޮތުން އެމްވީކޭގެ އިތުރުން ޑިމްސްގެ ބަހެއް ވެސް އަދި ލިބޭ ގޮތެެއް ނުވި އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ އޮފިޝަލަކު ވެސް ވިދާޅުވީ އެކަހަލަ މައުލޫމާތެއް އެ ޑިޕާޓްމަންޓަށް ވެސް ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް ޓްރާންސްޕޯޓްގެ ހިދުމަތް ހަވާލުކޮށްގެން "ފެއިލްވެފައިވާ" އެމްވީކޭ އަށް އެފަދަ ގޮތަކަށް އަމަލު ކުރެވޭނެ ކަމަކަށް ގަބޫލް ނުކުރެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިނިސްޓްރީ އަށް ހުށަހެޅި ރިޕޯޓާ ގުޅިގެން ވެސް މިހާތަނަށް އަދި އެެއްވެސް ޖަވާބެއް ލިބިފިއެއް ނެތް،" އޭނާ ވިދާޅުވި އެވެ. "މިއީ ކަންބޮޑުވާން ޖެހޭ މައްސަލައެއް. އެމްވީކޭ އަށް ހިދުމަތް ނުދެވިގެން އެ މީހުންގެ އެގްރިމަންޓް ބާތިލް ކުރާ ކަމަށް ވަންޏާ އެމްވީކޭ އިން ޖެހޭނީ ދަތުރުފަތުރަށް ބޭނުން ކުރި ހުރިހާ އެއްގަމު އުޅަނދާއި ކަނޑު ފެރީތައް ވެސް ބަހައްޓާފައި ދާން. އެހެންވެ ލިބިދާނެ ގެއްލުމަކުން ސަލާމަތްވާން މިފަދަ ޑީލެެއް ހަދަން އުޅޭ ކަމަށް މިހާތަނަށް އެނގިފައި ވަނީ."
އެމްވީކޭގެ މައްސަލަ ކައުންސިލުން ޓްރާންސްޕޯޓަށް ހުށަހަޅާފައި ވަނީ ޑިސެމްބަރު 24، 2012 ގަ އެވެ.