އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމަތް 3-0 އިން ބަލިކޮށް ލީގުގެ އެއްވަނަ އަށް ލިވަޕޫލް އަރައިފި އެވެ.
މި މޮޅާއެކު ލީގުގެ އެއްވަނައިގައި ލިވަޕޫލް އޮތީ ފަސް މެޗުން ލިބުނު 12 ޕޮއިންޓާ އެކު އެވެ. ލީގުގެ ދެވަނައިގައި ލިވަޕޫލަށް ވުރެ އެއް މެޗު މަދުން ކުޅެ 12 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އޮތްއިރު، ލިވަޕޫލަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ލީގުގައި މިރޭ ސިޓީން އާސެނަލްއާ ދެކޮޅަށް ނިކުންނާނެ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ 26 ވަނަ މިނެޓްގައި ލުއިސް ޑިއާޒް ވަނީ ލިވަޕޫލަށް ލީޑު ނަގައިދީފަ އެވެ. މިއީ ބޯންމަތްގެ ގޯލްކީޕަރު ކެޕާ ކައިރިން ނައްޓާލުމަށްފަހު ޑިއާޒް ކާމިޔާބު ކުރި ގޯލެކެވެ. އޭގެ ދެ މިނެޓް ފަހުން ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތަކުން ލިވަޕޫލްގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ޑިއާޒް އެވެ. މިއީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި ޑިއާޒް ކާމިޔާބު ކުރި ފަސްވަނަ ގޯލެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ޑާވިން ނުނޭޒް އެވެ. މި ގޯލު ނުނޭޒް ކާމިޔާބު ކުރީ ބޯންމަތްގެ އޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.
ދެވަނަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މި ހާފުގައި ލިވަޕޫލަށް ވަނީ ލީޑު އިތުރަށް ފުޅާކޮށްލަން ވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފަ އެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މެންޗެސްޓާ ޔުނައިޓެޑާއި ކްރިސްޓަލް ޕެލެސް ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެސްޓަންވިލާ އިން 3-1 އިން ވުލްވްސް ބަލިކުރިއިރު، ޓޮޓެންހަމުން ވަނީ 3-1 އިން ބްރެންޓްފޯޑް ބަލިކޮށްފަ އެވެ. ފުލަމް އިން 3-1 އިން ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދިއިރު، އެވަންޓަން އާއި ލެސްޓަ ސިޓީ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.