ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން 4-1 އިން އެސްޕަނިޔޯލް ބަލިކޮށްފި އެވެ.
މި މޮޅާއެކު ރެއާލް އޮތީ ހަ މެޗުން 14 ޕޮއިންޓު ހޯދައިގެން ލީގުގެ ދެވަނައިގަ އެވެ. އެއްވަނައިގައި ރެއާލަށް ވުރެ އެއް މެޗު މަދުން ކުޅެ 15 ޕޮއިންޓާ އެކު އޮތީ ބާސެލޯނާ އެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މެޗުގެ 54 ވަނަ މިނެޓްގައި އެސްޕަނިޔޯލް އިން ވަނީ ލީޑު ނަގާފަ އެވެ. މިއީ ރެއާލްގެ ގޯލްކީޕަރު ތިބޯ ކޯޓުއާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
މި ގޯލާއެކު ރެއާލުން ވިނީޝަސް ޖޫނިއާ ކުޅެން އެރުވިއިރު، މެޗުގެ 58 ވަނަ މިނެޓްގައި ޑެނީ ކަވަހާލް ވަނީ ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މެޗުގެ 75 ވަނަ މިނެޓްގައި ވިނީޝަސް ނަގައިދިން ހުރަހަކުން ރޮޑްރިގޯ ރެއާލަށް ލީޑު ނަގައިދިން އިރު، އެޓީމުގެ ތިންވަނަ ގޯލު އޭގެ ތިން މިނެޓް ފަހުން ކާމިޔާބުކޮށްދިނީ ވިނީޝަސް އެވެ.
ރެއާލުން މި މެޗުގައި ކާމިޔާބު ކުރި ހަތަރުވަނަ ގޯލަކީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ 90 ވަނަ މިނެޓްގައި ކިލިއަން އެމްބާޕޭ ކާމިޔާބުކުރި ގޯލެކެވެ. މި ޕެނަލްޓީ ރެއާލަށް ލިބުނީ އެންޑްރިކް އަށް އެސްޕަނިޔޯލްގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެންނެވެ.
ލީގުގައި ރެއާލް ދެން ބައްދަލުކުރާނީ އަލަވޭސްއާ އެވެ.