Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

ހިތަދޫ "ގްރީން އޭރިއާ" ތަރައްގީ ކުރުމަށް އެ ރަށު މީހަކާ ހަވާލުކޮށްފި

ހިތަދޫ "ގްރީން އޭރިއާ" ތަރައްގީ ކުރާ ސަރަހައްދު. ފޮޓޯ/ އައްޑޫ ލައިވް

ސ. ހިތަދޫގައި "ގްރީން އޭރިއާ" ގެ ގޮތުގައި ތަރައްގީ ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ހަމަޖައްސާފައިވާ ބިން ތަރައްގީކޮށް ބެލެހެއްޓުމުގެ މަސައްކަތް އެ ރަށުގެ މީހަކާ ހަވާލުކޮށްފި އެވެ.

ހިތަދޫ ލިންކް ރޯޑްގައި އެމްޑީީޕީގެ އޮފީސް އިމާރާތް ކުރަމުން އަންނަ ސަރަހައްދާ ކައިރީގައި "ގްރީން އޭރިއާ" ތަރައްގީކުރުމަށް ހަވާލުކޮށްފައިވަނީ ހިތަދޫ މާހީ އަހުމަދު ޒާހިރާ އެވެ.
ބިން އެ ފަރާތާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން އަންގާރަ ދުވަހު ސޮއިކުރެއްވީ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އާއި ކައުންސިލްގެ އިންފްރާސްޓްރަކްޗަ ޑިޕާޓްމަންޓާ ހަވާލުވެ ހުންނަވާ ކައުންސިލަރު ހުސައިން ހިލްމީ އެވެ.
ހެެއްކެެއްގެ ގޮތުގައި ސޮއި ކުރީ ހިތަދޫ މަސްވާ އަބްދުﷲ ހަސަން އެވެ.

ކައުންސިލުން ބުނީ ޒާހިރު ގްރީން އޭރިއާ ތަރައްގީކުރުމަށް ހަވާލުކުރީ އޭނާ އެ ބިން ތަރައްގީކޮށް ބެލެހެއްޓުމަށް އަމިއްލަ ގޮތުން ޝައުގުވެރިކަން ފާޅުކޮށް، ކޮންސެޕްޓް ޑިޒައިނަކާ އެކު ކައުންސިލަށް ހުށަހެޅުމުން ކަމަށެވެ.

ޒާހިރު އާ ބިން ހަވާލު ކުރަން ނިންމީ ކައުންސިލުން މި މަހުގެ 3 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ މި އަހަރުގެ ފުރަތަމަ ބައްދަލުވުމުގައި ޒާހިރާ އެ ބިން ހަވާލު ކުރަން ނިންމުމާ ގުޅިގެން ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

"ގްރީން އޭރިއާ" ގެ ގޮތުގައި ތަރައްގީ ކުރަން ހަމަޖެހިފައިވާ 2،100 އަކަފޫޓްގެ ބިމަކީ ހިތަދޫ ލިންކް ރޯޑާ ދިމާލުން ހިއްކާފައިވާ ބިމުގައި ހުންނަ "ސްވާދީވް ކެފޭ" ގެ ކުރިމަތިން އޮތް ބިމެވެ.