Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ބީއެމްއެލް އިން ސްޓާޓަޕް ގްރާންޓަށް ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ "ބީއެމްއެލް ސްޓާޓަޕް ގްރާންޓް" އަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބީއެމްއެލް ސްޓާޓަޕް ގްރާންޓަކީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ރާއްޖޭގައި އަލަށް ވިޔަފާރި އެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް އަމާޒުކޮށް ދޫކުރާ ހިލޭ އެހީ އެކެވެ.

ބީއެމްއެލް ސްޓާޓަޕް ގްރާންޓަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތަކުން ދެ ވިޔަފާރިއެއް ހޮވައި، އޭގެ ތެރެއިން ކޮންމެ ވިޔަފާރިއަކަށް 500،000ރ. ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން އެ ވިޔަފާރިތަކުން ހުށަހަޅާ ޕްލޭންއާ އެއްގޮތަށް ކާމިޔާބު ކަމާއެކު ވިޔަފާރި ފަށައި، ހިންގުމަށް ބޭނުންވާ ފައިނޭންޝަލް އެޑްވައިސް ބޭންކުން ފޯރުކޮށްދޭނެ އެވެ. އަމިއްލަ ފަރުދުންނާއި އަލަށް ރަޖިސްޓްރީކޮށް ހިންގަމުންދާ ކޮންމެ ވިޔަފާރިއަކަށްވެސް މި ގްރާންޓަށް އެދި ހުށަހެޅޭނެ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އެކްޓިން ސީއީއޯ ޢާއިޝަތު ނޫރައްދީން ވިދާޅުވީ ވިޔަފާރިތައް ބާރުވެރިކުރުވުމަކީ އިޤްތިޞާދެއް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށް ނުހަނު ބޭނުންތެރިކަމެއް ކަމަށާއި މި ގްރާންޓް ޕްރޮގްރާމުން ދައްކައިދެނީ ވިޔަފާރީގެ ރޫހު އާލާކުރުމަށާއި ރާއްޖޭގެ ހުނަރުވެރި ވިޔަފާރިވެރިން އުފެއްދުމަށް ބޭންކުން ކުރަމުންދާ މަސައްކަތް ކަމަށެވެ.

އަދި ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އެ ފަރާތްތަކުގެ އުންމީދުތަކަކީ އިގްތިޞާދަށް ފައިދާކުރާ އަދި އެހެންމެ ކާމިޔާބު ވިޔަފާރިތަކަކަށް ހެދުމަށްޓަކައި ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް ތިންވަނަ އަހަރެއްގައިވެސް ހިންގޭކަމީ ލިބޭ ފަހުރެއް ކަމަށްވެސް ވިދާޅުވި އެވެ.

ސްޓާޓަޕް ގްރާންޓަށް ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޫބަރު 17 ވަނަ ދުވަހުގެ ރޭ 12:00 އެވެ.