Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ތަރައްގީ އަށް ރިސޯޓް ބަންދު ކުރެވޭނީ 3 އަހަރަށް

ހިންގަމުން އަންނަ ރިސޯޓެއް ތަރައްގީ ކުރަން އެއްކޮށް ބަންދު ކުރެވޭ މުއްދަތު ތިން އަަހަރަށް އިތުރުކޮށް، ކުލި ވެސް އެ މުއްދަތަށް ފަސްކޮށް ދޭން ނިންމައިފި އެވެ.

ކުރިން އޮތް ގޮތުން ތަރައްގީ ކުރަން ރިސޯޓެއް ބަންދު ކުރެވޭނީ ގިނަވެގެން ދެ އަހަރެވެ.

"ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީ ކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށް ދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އަށް އިއްޔެ ގެނައި އިސްލާހުގައިވާ ގޮތުން ތަރައްގީ ކުރަން ރިސޯޓެއް ބަންދު ކުރެވޭނީ ގިނަވެގެން ތިން އަހަރަށެވެ.

ނަމަވެސް މުޅި ރިސޯޓު ތަޅާލައި އަލުން ތަރައްގީ ކުރާ ނަމަ ގިނަވެގެން ތިން އަހަރާއި ހަ މަސް ދުވަހަށް ވެސް ރިސޯޓު ބަންދު ކުރަން ގަވާއިދުގެ ދަށުން ހުއްދަ ދެވިދާނެ އެވެ. އެ މުއްދަތު އިތުރު ކުރުމުގެ އިހުތިޔާރު ވެސް ޓޫރިޒަމް މިނިސްޓްރީއަށް ލިބެ އެވެ.

ނަމަވެސް މުއްދަތު އިތުރު ކުރެވޭނީ އެތަމުގައި މަސައްކަތްކުރާ މީހުންނާއި މަސައްކަތްތަކަޑް ބޭނުންވާ ދި ސާމާނު ސައިޓުގައި ހުރި ނަމަ އެވެ.

ގަވާއިދުގައިވާ ގޮތުން ތަރައްގީ ކުރަން ބަންދު ކުރާ ތަނެއްގެ ކުލި މައާފު ކުރަން ޓުއަރިޒަމް މިނިސްޓްރީ އަށް މަޖުބޫރެއް ނުކުރެވޭނެ އެވެ. އެކަމަކު އެ އިހުތިޔާރު މިނިސްޓްރީ އަށް ލިބިގެންވެ އެވެ.