Last Updated: June 28, 09:20
Sunday, June 28, 2026
ޚަބަރު

ވިޔަފާރި ފީ މައްސަލަ އިސްތިއުނާފް ކުރާނަން: ކައުންސިލް

އައްޑޫގެ އާބާދީ ތަކުގެ ތެރެއިން ދިހަ ހާސް މީހުން ހަމަވަނީ ހިތަދޫގައި ކަމަށާއި އަނެއް ފަސް ރަށުގެ އާބާދީ ދިހަ ހާހަަށް ނާރާތީ އެރަށްތަކުގެ ވިޔަފާރިތަކުން މަހު ފީގެ ގޮތުގައި 200 ރުފިޔާ ދައްކަން ނުޖެހޭނެކަމަށް މީދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) މިއަދު ވިދާޅުވީ ވިޔަފާރިތަކުން ނަގާ މަހު ފީ އާއި ގުޅިގެން މީދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް މާދަމާ ކައުންސިލްގެ ބައްދަލުވުމަށް ފަހު އިސްތިއުނާފް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މާދަމާއަށް ކައުންސިލް ބައްދަލުވުމެއް ތާވަލް ކޮށްފައިވާ ކަމަށް ސޯބެ ވިދާޅުވިއެވެ.

މީދޫގެ ވިޔަފާރިވެރިއެއް ކަމަށްވާ އެރަށު ޖަބްރޯލުގޭ، ހުސައިން އިބްރާހިމް ކޯޓަށް ހުށަހެޅި މައްސަލާގައި މިއަދު ކޯޓުން ނެރުނު ހުކުމުގައި ވަނީ “ކައުންސިލްގެ ނިންމެވުމަކީ ގާނޫނާ ތައާރުޒުވާ ނިންމުމެއް ކަމަށް ޝަރީއަތަށް ފެންނާނީ މިއަދުން ފެށިގެން [ޖޫން 1، 2015] އިން ފެށިގެން 10،000 މީހުންގެ އާބާދީ ހަމަނުވާ ކުދި އާބާދީތައް ހުރި ރަށްރަށް ހިމެނޭ ގޮތަށް އެ ރަށްރަށުގައި ހުރި ކާބޯތަކެތި ވިއްކާ ހޮޓާ ހޮޓަލުންނާއި އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރާ ތަންތަނުން މަހަކު 200ރ. ނަގަން ނިންމާފައިވާ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ހުކުމް ކުރާ” ކަމަށެވެ.

“އިމްޕޯޓް މުދާ ވިއްކާ ތަންތަން، ސައި ހޮޓާ އަދި ކެންޓީނާ ބެހޭ ގާނޫނު”ގައި ވާގޮތުން އާބާދީގައި 10،000 ނުވަތަ އެއަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ކާބޯތަކެތި ވިއްކާ ތަންތަނުންނާއި އިމްޕޯޓް މުދާ ވިއްކާ ތަންތަނުން މަހަކު 200ރ. ގެ ފީއެއް ނެގޭނެއެވެ.