Last Updated: June 28, 09:20
Sunday, June 28, 2026
ރިޕޯޓް

އިމްރާން، ސޮބާ، އަމީންގެ މައްޗަށް އަވަސް ހުކުމެއް!

މި ރާއްޖޭގައި އެންމެ އަވަހަށް ހުކުމް އިއްވަނީ ޓެރަރިޒަމް ގާނޫނުންގެ ދަށުންނެވެ. ޓެރަރިޒަމްގެ ލޭބަލް ޖެހޭ ކޮންމެ މީހަކު ދާދި އަވަހަށް އޮންނަނީ ދިގު މުއްދަތުގެ ޖަލު ގޮޅިއެއްގައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މައްސަލަ ފޮނުވިތާ 19 ދުވަހުގެ ތެރޭގައެވެ. އައީ 13 އަހަރުގެ ޖަލު ހުކުމެކެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލީ ނުރައްކާތެރި ހަތިޔާރު އެތެރެކޮށް ގެންގުޅުނުކަމުގެ ކުށެވެ. ނާޒިމްގެ މައްޗަށް ކުށް ސާމިތުކޮށް ހުކުމް ކުރީ 11 އަހަރަށް ޖަލަށްލާށެވެ.

މިހާރުގެ ސަރުކާރުން ގާނޫނުތަކަށް އިސްލާހުގެ ގެނެސް، ސަރުކާރުން ބޭނުންގޮތަކަށް ރައްޔިތުންނަށް "އަނިޔާ" ކުރަމުންދާތީ އިދިކޮޅު ފަރާތްތަކުން މަގު މައްޗަށް ނިކުމެ އަޑު އުފުލުމާއި އެކު ދައުލަތުން ވަނީ އެފަރާތްތަށް "ޓެރަރިސްޓް ލޭބަލް" ޖަހާފައެވެ.

އެގޮތުން އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން ރޭ ވަނީ ހައްޔަރުކޮށް މިރޭ އެމަކުފާންގެ ޝަރީއަށް މިވަނީ ތާވަލްކޮށްފައެވެ. އަނެއްކޮޅުން އިދިކޮޅު ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ސޮބާހް ރަޝީދު އާއި ޖުމްހުރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އަމީން އިބްރާހިމްގެ ޝަރީއަށްވެސް މިރޭ ބާއްވަން ވަނީ ނިންމާފައެވެ.

އދިކޮޅު ފަރާތްތަކުގެ މައްޗަށް ޓެރަރިޒަމް ދައުވާ ކުރައްވާއިރު، ޓެރަރިޒަމާއި ބެހޭ ގާނޫން އިސްލާހްގެ ޑްރާފްޓް ވަނީ ނިންމާފައެވެ. އަދި ކުރިއަށް މަޖްލިސް ދައުރުގައި އެ އިސްލާހް ފާސް ކުރުމަށްވަނީ ނިންމާފައެވެ.

މިހާރު ޑްރާފްޓްކޮށްފައިވާ އިސްލާހް އާއި އެކު ސަރުކާރުން ބޭނުން މީހަކު، "ޓެރަރިސްޓް ލޭބަލް"ކޮށް އެމީހެއްގެ ހުރިހާ މައުލޫމާތެއް ކޯޓު އަމުރަކާއި ނުލައި ހޯދޭނެއެވެ. އަދި އެފަދަ މީހަކަށް އޭނާއަކީ "ޓެރަރިސްޓެއްކަން" އެނގޭނީ ގާޒީގެ ކުރިމައްޗަށް ހައްޔަރުކޮށްގެން ގެންދިއުމުންނެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހް މިހާރު ހުރި ގޮތުން، ރާއްޖޭގެ ތިން ލައްކައިގެ އާބާދީއެއް "ޓެރަރިސްޓުންގެ" ގޮތުގައި ލޭބަލް ނުވެ ނުދާނެ ކަން އިދިކޮޅު ފަރާތްތަކުގެ އެއްވުންތަކުން މިދަނީ ފެންނަމުންނެވެ.

އެގޮތުން ރައީސް ނަޝީދަށް ފަހު މިރޭ މިފެށެނީ އެފަދަ ދެވަނަ ބާބެވެ. އިމްރާން އާއި އަމީން، އަދި ސޮބާގެ މައްޗަށް ދިގު މުއްދަތުގެ ހުކުމުއް އައުން މިވަނީ ދާދި ގާތުގައެވެ. މީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއަށް ދޭ އިންޒާރެކެވެ.