Last Updated: October 3, 16:50
Thursday, October 3, 2024
ޚަބަރު

ވަޒީފާ އަދާކުރުމުގައި ތެދުވެރިވާން ޖެހޭ: ހުތުބާ

ވަޒީފާ އަދާކުރުމުގައި ތެދުވެރިވާންޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ހުތުބާގައި ބުނީ ކޮންމެ މީހަކު ވެސް، އަދާކުރާ ވަޒީފާތަކާއި މަސްއޫލިއްޔަތުތަކަކީ އަމާނާތެއް ކަމަށާއި ވަޒީފާ އަދާކުރުމުގައި ތެދުވެރިވެ، އިޚްލާޞްތެރިވާން ޖެހޭއިރު، ކަންކަން ކުރުމުގައި ރައްޔިތުންގެ ޙައްޤުތަކަށާއި ޤައުމީ މަޞްލަޙަތަށް އިސްކަންދޭންޖެހޭ ކަމަށެވެ.

"އަހަރެމެންގެ ވަޒީފާތަކާއި، ރައްޔިތުން އަހަރެމެންނާ ޙަވާލު ކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުތަކަކީ، ބޮޑުވެގެންވާ އަމާނާތެކެވެ. އެހެންކަމުން އެ އަމާނާތްތައް އަދާކުރުމުގައި ފަރުވާކުޑަކޮށް، ފަރުދުންނާއި މުޖުތަމަޢުގެ މަޞްލަޙަތަށް އިސްކަން ނުދޭ ނަމަ، އެއީ ތިމާގެ ދީނާއި ޤައުމަށް ވެވޭ ބޮޑު ޚިޔާނާތެކެވެ،" ހުތުބާގައި ބުންޏެވެ.

ކޮންމެ މަސްއޫލިއްޔަތަކީ، މާތް ﷲ އެ ފަރާތަކާ ޙަވާލުކުރައްވައިފައިވާ ވަރަށް ބޮޑު އަމާނާތެއް ކަމަށާއި އެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުނުވުމަށްވެސް ވަނީ ގޮވާލާފަ އެވެ. އެއީ ޤިޔާމަތް ދުވަހުން އެ ކަމުގެ ޒިންމާ އެ ފަރާތަކުން އުފުލަންޖެހޭނެތީ ކަމަށާއި އެ ދުވަހަކީ ތިމާ މި ދުނިޔެމަތީގައި ކުޅަ އެއްވެސް ކަމަކުން ރެކެވޭނެ ދުވަހެއް އަދި ބަހަނާއެއް ދެއްކޭނެ ދުވަހެއް ވެސް ނޫން ކަމަށް ބުނެފައިވެ އެވެ.

"އަހުރެމެން ކުރެ ބައެއް މީހުންނަކީ އަދާކުރާ މަސްއޫލިއްޔަތުގެ ބާވަތުން އިޚްލާޞްތެރިކަމާއެކު އެ މަސްއޫލިއްޔަތު އަދާކުރުމަށް މާތް ﷲ ގަންދީ ހުވައިކޮށްގެން ތިބި ބަޔެކެވެ. އެ ފަދަ ފަރާތްތަކުން ވެފައިވާ ޢަހުދާއި ހުވަޔަށް ޙުރުމަތްތެރިކޮށްހިތާންވާނެއެވެ. އަހުރެމެން ކުރެ ކޮންމެ މީހަކާ ޙަވާލުވެފައިވާ މަސްއޫލިއްތު އަދާކުރީ ކިހިނެއްތޯ ޤިޔާމަތް ދުވަހުން ސުވާލުކުރެވޭނެ އެވެ،" ހުތުބާގައި ބުނެފައިވެ އެވެ.

މީގެއިތުރުން ޤައުމުގެ ވަޙްދަތާއި ސިޔާދަތު ދެމެހެއްޓުމީ، އެންމެންގެ މަސްއޫލިއްޔަތެއް ކަމަށާއިމި ކަންކަން ދެމެހެއްޓޭނީ އަހަރެމެންގެ ތެރޭގައި މަސްއޫލިއްޔަތު އުފުލުމުގެ ތެދުވެރި ރޫޙެއް ހުރެގެން ކަމަށްވެސް ބުނެފައިވެ އެވެ.