Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ވީއައިއޭގެ އާ ޓާމިނަލް ޑިސެމްބަރުގައި ހުޅުވަނީ

ވީއައިއޭގެ ފަސިންޖަރު ޓާމިނަލްގެ ކުރެހުމެއް - ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖުގައި ފައިސަލް ވިދާޅުވީ ފަތުރުވެރިކަމަށް އެންމެ ބޮޑަށް ބޭނުންވަނީ ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް އޮޕަރޭޝަނަށް އައުން ކަމަށާއި މަސައްކަތްތައް ކުރިއަށްދާގޮތަށް ބަލާއިރު، ޑިސެމްބަރު މަހުގެ ތެރޭގައި އާ ޓާމިނަލް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ.

އާ ޓާމިނަލް އޮޕަރޭޝަނަށް ގެނެވުމުން 7.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭނެ ކަމަށާއި އެއާއެކު އަންނަ އަހަރު ފަތުރުވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މި ފަސް އަހަރު ނިމެންވާއިރަށް އަޅުގަނޑުމެންގެ ޓާގެޓް، 3.5 މިލިއަން ފަތުރުވެރިން ނުވަތަ 4 މިލިއަން ފަތުރުވެރިންނަށް ރާއްޖޭގެ އެރައިވަލްސް ގެންދިޔުމަށް ހިފާފައިވާ އަމާޒު ކާމިޔާބު ހޯދޭނެ،" ފައިސަލް ވިދާޅުވި އެވެ.

އާ ޓާމިނަލް ހުޅުވުމާއެކު ރާއްޖެއަށް އިތުރު އެއާލައިންތަކުގެ ދަތުރުތައް ފެށުމަށް ވެސް މަސައްކަތްކުރާނެ ކަމަށާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކަމާ ގުޅުން ހުރި އެހެން ޖަމިއްޔާތަކާ ގުޅިގެން ކުރަމުންދާ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލަކީ އެއަރޕޯޓް ތަރައްޤީ ކުރުމަށް މިހާރު ހިންގަމުންދާ މަޝްރޫޢުގެ މުހިއްމު މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން އައު ކޯޑް-އެފް ރަންވޭ އަކާއި، ނޫވިލު ސީޕްލޭން ޓަރމިނަލާއި، ވީއައިޕީ ބިލްޑިން އަކާއި، ކާގޯ ޓާމިނަލަކާއި، ފިއުލް ފާމެއްގެ އިތުރުން ފަޔަރ ސްޓޭޝަނެއްވެސް ވަނީ ޤާއިމު ކުރެވިފަ އެވެ.