ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން "މޯލްޑިވްސް މޯމަންޓްސް2024"ގެ ނަމުގައި އެމްއެމްޕީއާރްސީން މުބާރާތެއް ފަށައިފި އެވެ.
މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތް އަންނަ މަހުގެ 12 ގެ ނިޔަލަށް ކުރިއަށްގެންދާނެ އެވެ.
އެމްއެމްޕީއާރްސީން ބުނީ މި މުބާރާތުގެ އަމާޒަކީ ބައިވެރިންގެ ހުނަރު ދައްކާލުމުގެ އިތުރުން ރާއްޖޭގެ ހިތްގައިމު ރީތިކަމާއި މުއްސަނދި ސަގާފާއި ފަތުރުވެރިންނަށް ރާއްޖެއިން ލިބިފައިވާ ތަޖުރިބާ މުޅި ދުނިޔެއަށް ދައްކާލުން ކަމަށެވެ.
މި މުބާރާތުގައި ރާއްޖޭގެ ހިތްގައިމު ފޮޓޯތައް ނުވަތަ ވީޑިއޯތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި "މޯލްޑިވްސްމޫމަންޓްސް2024" ހޭޝްޓެގް ބޭނުންކޮށްގެން ހިއްސާކުރެވޭނެ އެވެ. އެ މުބާރާތަކީ 18 އަހަރު ފުރިފައިވާ ބައިނަލްއަގުވާމީ އަދި ދިވެހީން ހިމެނޭ ގޮތަށް އާންމުންނަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް ކަމަށްވާއިރު އެގޮތުން, ފޮޓޯތައް ހުށަހަޅަން ޖެހޭނީ 1:1 ރޭޝިއޯއެއްގަ އެވެ. އަދި ވީޑިއޯތައް ހުންނަން ޖެހޭނީ ދިގުމިނުގައި 60 ސިކުންތަށް ވުރެ ދިގު ނޫން 16:9 ޕޯޓްރެއިޓް ފޯމެޓެއްގަ އެވެ. މި މުބާރާތަށް އޭއައި އިން އުފައްދާ ކޮންޓެންޓް ބަލައިނުގަނެވޭނެ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.
މުބާރާތުން އެއްވަނައަށް ދާ ފަރާތަށް ހަތަރު ރޭގެ ޚާއްސަ ޗުއްޓީއެއް ރެޑިސަން ބްލޫ ރިސޯޓް މޯލްޑިވްސްއިން ލިބޭނެ އެވެ. އަދި އެ ފަރާތުގެ ހުށަހެޅުން ވިޒިޓް މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޗެނަލްތަކާއި އެހެނިހެން ޕްރޮމޯޝަނަލް ހަރަކާތްތަކުގައި ބޭނުންކުރާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.