Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

އަމިއްލަ މަސައްކަތްތެރިން ދަފުތަރުވާން ހުޅުވާލައިފި

ރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ މީހުން ދަފުތަރުވުމުގެ ފުރުސަތު ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)އިން ހުޅުވާލައިފި އެވެ.

ބީސީސީން ނެރުނު އިއުލާނެއްގައި ބުނީ މި ދަފުތަރު އެކުލަވާލަނީ ރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި އެފަރާތްތައް މަސައްކަތްކުރާ ދާއިރާތައް ދެނެގަނެ އެފަރާތްތަކަށް ވިޔަފާރީގެ ފަހި މާހައުލެއް ކަށަވަރުކޮށް، އެފަދަ ވިޔަފާރިތައް ތަރައްޤީކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އެގޮތުން އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން މި ދަފްތަރުގައި ރަޖިސްޓަރީވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިކަމަށް ހާއްސަކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ވަނީ ހުޅުވާލާފަ އެވެ.

ދަފުތަރުގައި ރަޖިސްޓަރީވާން ފުރަންޖެހޭ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މާލޭގައި ހުންނަ ބީސީސީގެ މައި އޮފީހުންނާއި، އަތޮޅުތަކުގައި ގާއިމުކުރެވިފައިވާ ބިޒްނަސް ސެންޓަރުތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުންޏެވެ.

ދަފުތަރުގައި ހިމެނޭ މައުލޫމާތު އަދާހަމަކޮށް، އެންމެހައި ކަންކަން ހިންގައި ތަންފީޒުކޮށް ބަލަހައްޓާނީ ވެސް ބީސީސީއިންނެވެ.