އދގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަގުރީރު ދޭން ފެށުމާއެކު ގިނަ ގައުމުތަކެއްގެ ޑިޕްލޮމެޓުން ހޯލް ދޫކޮށް ހިނގައްޖެ އެވެ.
ނަތަންޔާހޫ އ.ދ ގައި ތަގުރީރު ދޭން ފެށުމުން ގިނަ ގައުމުތަކެއްގެ ޑިޕްލޮމެޓުން ހޯލް ދޫކޮށް ނިކުތީ އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ގަތުލްއާންމާއި ދެކޮޅު ހެދުމުގެ ގޮތުންނެވެ. ނަތަންޔާހޫ ތަގުރީރު ކުރިއަށް ގެންދިޔައިރު ހޯލް އޮތީ ގާތްގަނޑަކަށް ހުސްކޮަށެވެ.
As Israeli PM Benjamin Netanyahu came to address the 79th session of the UN General Assembly, many delegations walked out in protest. pic.twitter.com/xZ2R99ND7P
— Al Jazeera English (@AJEnglish) September 27, 2024
އ.ދ ގައި ތަގުރީރު ކުރަން ނަތަންޔާހޫ އަށް ފުރުސަތު ދިނުމުން ވެސް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެގެން ގޮސްފަ އެވެ. އެގޮތުން އޭނާ ހައްޔަރު ކުރުމުގެ އަމުރަކަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ)ގައި ވެސް މިހާރު ވަނީ އެދިފަ އެވެ. އެކަމާ މެދު އެ ކޯޓުން އަދި ވަކިގޮތެއް ނިންމާފައެއް ނުވެ އެވެ.
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޗީފް ޕްރޮސެކިއުޓާ ކަރީމް ހާން ވިދާޅުވީ ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރަކަށް އެދުނީ ހަނގުރާމައިގެ ޖަރީމާތައް އޭނާ ހިންގާފައިވާ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާގައި ހިންގަމުންދާ ގަތުލްއާންމުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 40،000 އަށް ވުރެ މައްޗަށް އަރާފަ އެވެ.
ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ވަނީ ގޮސްފަ އެވެ. އަދި ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.