އާޓިފިޝަލް އިންޓަލިޖެންސް ބޭނުންކުރުމާ ގުޅޭގޮތުން ގޫގުލްއާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު މަޝްވަރާކުރައްވައިފި އެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގެ ނިއުޔޯކްގައި ހުންނަ ގޫގުލްގެ އޮފީހަށް ކުރެއްވި ޒިޔާރަތުގަ އެވެ.
ގޫގުލް އޮފީހަށް ރައީސް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ ގޫގުލް ޕަބްލިކް ސެކްޓަރގެ ސީއީއޯ، ކެރެން ދޭހަތް އެވެ.
ގޫގުލް އޮފީސް ބައްލަވާލެއްވުމަށްފަހު ގޫގުލްގެ ޓީމާއެކު ބޭއްވި މި ބައްދަލުވުމުގައި، އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އާޓިފިޝަލް އިންޓަލިޖެންސް ބޭނުންކުރުމާއި ޑިޖިޓަލް ލިޓަރަސީ އަދި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމުގައި ޑޭޓާގެ މައްޗަށް ބިނާވެފައިވާ ޙައްލުތައް ހޯދުންފަދަ ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.
ރައީސް މުއިއްޒު ނިއުޔޯކަށް ވަޑައިގެންނެވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށެވެ.