އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީ އެއްވަރުވިއިރު، ޗެލްސީ އާއި އާސެނަލް މޮޅުވެއްޖެ އެވެ.
ލީގުގެ އެއްވަނައިގައި ހަ މެޗުން ލިބުނު 14 ޕޮއިންޓާ އެކު އަދިވެސް އޮތީ ސިޓީ އެވެ. ދެވަނައިގައި އޮތް އާސެނަލަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު ސިޓީ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ތިންވަނައިގައި 13 ޕޮއިންޓާ އެކު އޮތީ ޗެލްސީ އެވެ.
ރަށުން ބޭރުގައި ކުޅެ ސިޓީ އެއްވަރުވީ ނިއުކާސަލް ޔުނައިޓެޑާއި ބައްދަލުކޮށް 1-1 އިންނެވެ.
އަނިޔާގެ ސަބަބުން ކެވިން ޑި ބްރޭނާއާ ނުލައި ސިޓީން މި މެޗުގައި ކުޅުނުއިރު، މެޗުގެ 35 ވަނަ މިނެޓްގައި ޖޮސްކޯ ގްވާޑިއޯލް ވަނީ ސިޓީ އަށް ލީޑު ނަގައިދީފަ އެވެ. މިއީ ނިއުކާސަލްގެ އޭރިއާ ތެރެއަށް ވަދެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުން ކާމިޔާބު ކުރި ގޯލެކެވެ.
މެޗުގެ 58 ވަނަ މިނެޓްގައި ނިއުކާސަލުން ނަތީޖާ އެއްވަރުކުރީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ އެންތޮނީ ގޯޑަން އަށް ސިޓީގެ ގޯލްކީޕަރު އެޑަސަން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެއް ކަމަށްވާއިރު، މި ޕެނަލްޓީ ނިއުކާސަލަށް ކާމިޔާބުކޮށްދިނީ ވެސް ގޯޑަން އެވެ. މި ގޯލަށްފަހު ސިޓީން ލީޑު ނަގަން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް އެޓީމަށް އެކަން ކާމިޔާބު ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.
އާސެނަލް އަމިއްލަ ދަނޑުގައި މިރޭ މޮޅުވީ ލެސްޓަ ސިޓީއާ ބައްދަލުކޮށް 4-2 އިންނެވެ. މި މެޗުގެ ފުރަތަމަ ހާފްގައި ގެބްރިއަލް މާޓިނެއްލީ އާއި ލިއަންޑްރޯ ޓްރޮސާޑްގެ ގޯލުތަކުން އާސެނަލުން ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ލެސްޓާ އިން ވަނީ ދެ ގޯލު ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ދެ ގޯލުވެސް ލެސްޓާ އަށް ކާމިޔާބުކޮށްދިނީ ޖޭމްސް ޖަސްޓިން އެވެ.
މި މެޗުން އާސެނަލް މޮޅުވީ އިތުރު ވަގުތުގައި ކާމިޔާބުކުރި ދެ ގޯލުންނެވެ. މި ދެ ގޯލު އާސެނަލަށް ކާމިޔާބުކޮށްދިނީ ޓްރޮސާޑް އާއި ކައި ހަވެޓްޒް އެވެ.
ލީގުގައި ޗެލްސީން ޖެހިޖެހިގެން ތިންވަނަ މޮޅު ހޯދީ މިރޭ ބްރައިޓަން 4-2 އިން ބަލިކޮށްގެންނެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ހަތަރު ގޯލުވެސް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގައި ކޯލް ޕާމާ އެވެ. މިއީ ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް ކުޅުންތެރިއަކު މެޗެއްގެ ފުރަތަމަ ހާފުގައި ހަތަރު ގޯލު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މި ހަތަރު ގޯލާއެކު މި ސީޒަނުގެ ޕްރިމިއާ ލީގުގައި ޕާމާ ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ ހަޔަކަށް އަރާފަ އެވެ.
ބްރައިޓަންގެ ދެ ގޯލު މި މެޗުގައި ކާމިޔާބުކޮށްދިނީ ޖޯޖީނިއޯ ރަޓާ އާއި ބަލޭބާ އެވެ. މިއީ ލީގުގައި ބްރައިޓަން ބަލިވި ފުރަތަމަ މެޗެވެ.