ވުލްވްސް 2-1 އިން ބަލިކުރުމަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނަ އަށް ލިވަޕޫލް އަރައިފި އެވެ.
ލިވަޕޫލް އެއްވަނައިގައި އޮތީ ހަ މެޗުން ލިބުނު 15 ޕޮއިންޓާ އެކު އެވެ. ލީގުގެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަދި ތިންވަނައިގައި އޮތް އާސެނަލަށް ލިބިފައިވަނީ 14 ޕޮއިންޓެވެ. ހަތަރުވަނައިގައި 13 ޕޮއިންޓާ އެކު އޮތީ ޗެލްސީ އެވެ.
ވުލްވްސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ލިވަޕޫލުން ވަނީ ލީޑު ނަގާފަ އެވެ. ޑިއޯގޯ ޖޯޓާ ނަގައިދިން ހުރަހެއް ބޮލުން ގޯލަށް ފޮނުވާލައިގެން ލިވަޕޫލަށް މި ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ އެވެ.
ވުލްވްސް އިން މެޗުގެ 56 ވަނަ މިނެޓްގައި ނަތީޖާ އެއްވަރުކުރީ އައިތް ނޫރީގެ ގޯލުންނެވެ. މިއީ ލިވަޕޫލްގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ކާމިޔާބުކުރި ގޯލެކެވެ. ނަމަވެސް މެޗުގެ 61 ވަނަ މިނެޓްގައި ލިވަޕޫލަށް ލިބުނު ޕެނަލްޓީއަކުން މުހައްމަދު ސަލާ ވަނީ އެޓީމަށް އަލުން ލީޑު ނަގައިދީފަ އެވެ. މިއީ ވުލްވްސްގެ އޭރިއާ ތެރެއިން ޖޯޓާ އަށް ކުރި ފައުލަކާއި ގުޅިގެން އެޓީމަށް ލިބުނު ޕެނަލްޓީއެކެވެ.
ލީގުގެ ފުލުގައި ވުލްވްސް މިވަގުތު އޮތްއިރު އެޓީމަށް އަދި ލީގުގައި މެޗަކުން މޮޅެއް ހޯދިފައެއް ނުވެ އެވެ.
ލިވަޕޫލުން ލީގުގައި ދެން ބައްދަލުކުރާނީ ކްރިސްޓަލް ޕެލެސްއާ އެވެ. ވުލްވްސް ނިކުންނާނީ ބްރެންޓްފޯޑާއި ދެކޮޅަށެވެ.