އޮސަސޫނާ އަތުން 4-2 އިން ބަލިވެ، ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ ލީގުގައި ފުރަތަމަ ފަހަރަށް ބަލި ވެއްޖެ އެވެ.
ލީގުގެ އެއްވަނައިގައި ބާސާ އޮތީ އަށް މެޗުން ލިބުނު 21 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި ބާސާ އަށް ވުރެ އެއް މެޗު މަދުން ކުޅެ 17 ޕޮއިންޓާ އެކު އޮތީ ރެއާލް މެޑްރިޑެވެ. ރެއާލުން މިރޭ ތިންވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ނިކުންނާނެ އެވެ.
މި މެޗުގެ ފުރަތަމަ ހާފް އޮސަސޫނާ އިން ނިންމާލީ ދެ ގޯލުގެ ލީޑަކާއެކު އެވެ. އޮސަސޫނާގެ ފުރަތަމަ ގޯލު މެޗުގެ 18 ވަނަ މިނެޓްގައި އަންޓީ ބުޑިމީރް ކާމިޔާބުކޮށްދިން އިރު މެޗުގެ 28 ވަނަ މިނެޓްގައި އޮސަސޫނާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ބްރަޔަން ޒަރަގޯޒާ އެވެ.
ބާސާއިން މެޗުގެ 53 ވަނަ މިނެޓްގައި ޕައު ވިކްޓާގެ ގޯލުން ނަތީޖާގެ ފަރަގު ކުޑަކުރިއިރު، މެޗުގެ 72 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ބުޑިމީރް ވަނީ އޮސަސޫނާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. އަދި މެޗުގެ 85 ވަނަ މިނެޓްގައި އަބެލް ބްރެޓޮނޭސްގެ ގޯލުން އޮސަސޫނާ އިން ވަނީ ލީޑު އިތުރަށް ފުޅާކޮށްފަ އެވެ.
މި މެޗުގައި ބާސާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި ޔަމާން ލަމާލް އެވެ.
ލީގުގައި ބާސާ ދެން ބައްދަލުކުރާނީ ނުވަ ވަނައިގައި އޮތް އަލަވޭސްއާ އެވެ.