Last Updated: June 28, 09:20
Sunday, June 28, 2026
ޚަބަރު

ކުނީގެ އެއްބަސްވުން މަޑުޖައްސާލަން އޭސީސީން އަންގައިފި

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ގޭބިސީން އުފޭދޭ ކުނި ނައްތާލުމަށް ޒެޑް އެންޓަޕްރައިސަސް އާއި ކައުންސިލް ދެމެދު ސޮއި ކުރަން ހަމަޖެހިފައިވާ އެއްބަސްވުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކަމިޝަން (އޭސީސީ) އަންގައިފިއެވެ.

އޭސީސީގެ އޮފިޝަލަކު ވިދާޅުވީ ކުނީގެ އެއްބަސްވުމުގެ ސޮއި ކުރުން މަޑުޖައްސާލުމަށް އެންގީ އެ ކަމުގައި ކަރަޕްޝަނަށް މަގުފައިވާ ކަންތައްތަކެއް ހުރެގެން ލިބުނު ރިޕޯޓަކާއި ގުޅިގެންނެވެ.

އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ އޭސީސީން އެގްރިމެންޓްގައި ސޮކުރުން މަޑު ޖެއްސުމަށް އަންގާފައިނުވާ ކަމަށެވެ. ނަމަވެސް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން އެއްބަސްވުން އޮޑިޓަރ ޖެނެރަލް އާއި އެކު މަޝްވަރާ ކުރުމަށްފަހު ކުރުމަށް އަންގާފައިވާ ކަމަށެވެ.

"ޒެޑް އެންޓަޕްރައިސަސް އާއި އެކު އެއްބަސްވުމަކަށް މިދަނީ ހަތަރު ފަހަރު މަތީން ކުނި ކޮށި މެނޭޖް ކުރާނެ ފަރާތެއް ހޯދުމަށް އިއްލާން ކުރުމަށް ފަހު އެންމެ ދަށް އަގު ހުށަހެޅި ކުންފުންޏަށްވާތީ" ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ ކަރަޕްޝަނަށް މަގުފައިވާ ކަމެއް އުޅޭތޯ ބެލުމަކީ މައްސަލައެއް ނޫންކަމަށެވެ. ނަމަވެސް އައްޑޫގެ ގޭބިސީ ތަކުން ކުނި ނުނެގޭތީ އާއްމު ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަމުން އަންނަ ކަމަށެވެ. އަދި މިކަން ލަސްވާނަމަ ރައްޔިތުންނަށް އިތުރު ގެއްލުން ލިބޭނެ ކަމަށް ސޯބެ ވިދާޅުވިއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން މީގެ ކުރިން ކުނި ނަގާފައިވަނީ ހިތަދޫ ސަދަން މޯލްޑިވްސްއިންނެވެ. އެކުންފުންޏާއި ކައުންސިލާއި ދެމެދު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވަނީ މިއަދު އޭޕްރީލް މަހުގެ 10 ވަނަ ދުވަހަށެވެ.