Last Updated: March 22, 00:39
Friday, March 21, 2025
ރިޕޯޓް

އަހަންނަށް ބާއްޖަވެރިކަން ލިބޭނީ ކޮން ތާކުން؟

ބައެއް މީހުން ހީކުރަނީ ބާއްޖަވެރިކަން ލިބޭނީ މުދަލުންނާއި މުއްސަނދިކަމުން ކަމަށެވެ. އަދި ބައެއް މީހުންނަށް ހީވެފައި ވަނީ އެކަންވަނީ ޖާހާއި މަންޞިބުގައިކަމަށެވެ. އަދި ބައެއް މީހުން އެއަށް އެދިފައިވަނީ ޙަރާމް ކަންތައް ޙާޞިލުކޮށްގެންނެވެ. އެކަން ޙާޞިލުކުރުމުގައި މަޚްލޫގުންތައްވަނީ ވަރަށް ހަލުވި ހިނގުމެއްގަ އެވެ. އަދި އެކަން ޙާޞިލުކުރުމަށް ގަދައަޅާ މަސައްކަތް ކުރުމުގަ އެވެ.

ފަހެ އެއަށް ވާޞިލުވާ މީހުންނާއި އޭގެން މަޙްރޫމުވާ މީހުންވެ އެވެ. އަދި ބާއްޖަވެރިކަން ޙާޞިލުވި ކަމަށް ވަހުމު ވަދެފައިވާ އަބާއްޖަވެރިން ވެސްވެ އެވެ. ފަހެ އެބައި މީހުން ދީނުގެ މައްޗަށް ދުނިޔެއަށް އިސްކަންދިނެވެ. އަދި އާޚިރަތުގެ މައްޗަށް ހަވާނަފްސަށެވެ. ފަހެ ވަހުމާއި ކަންބޮޑުވުމާ އެބައިމީހުން ކުރިމަތިލިއެވެ. އަދި ދިރިއުޅުން ދަތިވިއެވެ. އަދި ހިތާމަތަށްވެސް ތަޙައްމަލުކުރިއެވެ.

ﷲ އަށް ތަޤްވާވެރިނުވެ ބާއްޖަވެރިކަން ޙާޞިލެއްނުވާނެއެވެ. އެއީ އެއިލާހަށާއި އެއިލާހުގެ ރަސޫލާއަށް ކިޔަމަންގަތުމެވެ. އަދި ފާފަތަކާއި ނުބައިކަންތައްތަކާއި ދުރުހެލިވުމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا﴾ (سورة الأحزاب ٧٠-٧١)

މާނައީ: ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ. އަދި ސީދާވެގެންވާ ބުނުމަކުން ތިޔަބައިމީހުން ބަސްބުނާށެވެ. (އޭރުން) ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ޢަމަލުތައް އެކަލާނގެ އިޞްލާޙްކޮށްދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައި ދެއްވާނެތެވެ. ﷲއަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވާ މީހާ، ފަހެ ހަމަކަށަވަރުން ބޮޑުވެގެންވާ ކާމިޔާބަކުން އެމީހާއަށް ކާމިޔާބު ލިބިއްޖެ އެވެ.”

ޝައިޚަލް އިސްލާމް ވިދާޅުވިއެވެ: “ﷲއާއި އެއިލާހުގެ ރަސޫލާއަށް އީމާންވުމަކީ ބާއްޖަވެރިކަން ޖަމާކުރެވޭކަމެކެވެ. އަދި އެއީ އޭގެ އަޞްލެވެ.” ފަހެ ދުނިޔަވީ ޙަޔާތާއި އޭގައިވާ އުފާތަކުގައި ތަޤްވާވެރިކަ މެއް ނުވާ ނަމަ ބާއްޖަވެރި ކަމެއް ނުވެ އެވެ.

ޅެންވެރިޔާ ވިދާޅުވެފައިވެ އެވެ:

ولست أرى السعادة َجمعَ مال … ولكنّ التقيّ هو السعيدُ
وتقوَى الله خيرُ الزاد ذخرا … وعند الله للأتقَى مَزِيدُ

މާނައީ: “ބާއްޖަވެރިކަމަކީ މުދާ އެއްކުރުންކަމުގައި އަހަރެން ނުދެކެމެވެ.
އެކަމަކު ބާއްޖަވެރިންނަށްވަނީ ތަޤްވާވެރިންނެވެ.
ފަހެ ތިބާ އެއްކުރާ އެންމެ ހެޔޮ ކޮއްތަކީ ﷲއަށް ތަޤްވާވެރިވުމެވެ.
އަދި ﷲގެ ޙަޟްރަތުގައި ތަޤްވާވެރިންނަށް އިތުރަށްވެއެވެ.”

ނޯޓް: ދިސަލަފިއްޔާ