ރަޖިސްޓްރީކޮށްގެން ހިންގާ ނޫހަކުން ފެނަކަ އަށް ފޭކު ސްޕެއާތަކެއް ބޮޑު އަގުގައި ގަނެފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާއި ހިލާފު ހަބަރުތަކެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ފެނަކަ އިން ބުނީ ކުންފުންޏަށް ބޭނުންވާ ސްޕެއާ ހޯދުމުގެ މަސައްކަތް އޮތީ ކުންފުނީގެ ޕްރޮކިއުމެންޓް ޕޮލިސީގައިވާ ގޮތުގެ މަތިން ޓެންޑާ ކޮމިޓީގެ މަރުހަލާގައި ކަމަށާއި އެ ނޫހުން ރިޕޯޓުކޮށްފައިވާ ހަބަރުގައި ހަވާލާދީފައިވާ ލިޔުންތަކުން ފެންނަ މުދަލަކީ އެ ކުންފުންޏަށް ގަނެފައިވާ މުދަލެއް ނޫން ކަމަށެވެ.
"މިއީ އަދި މިހާތަނަށް މި ކުންފުންޏަށް ގަނެފައިވާ މުދަލެއް ނޫނެވެ. އަދި އެއްވެސް އަދަދެއްގެ ފައިސާއެއް ދައްކާފައިވާ މުއާމަލާތެއް ވެސް ނޫނެވެ،" ފެނަކަ އިން ބުނެ އެވެ.
ފެނަކަ އިން ބުނީ ދައުރު ކުރަމުންދާ ހަބަރުގައި އެ ކުންފުންޏަށް މި މުދާ ބޮޑު އަގުގައި ގަތްކަމަށް ބަޔާންކޮށް، ނުހިނގާ ކަމެއް ހިނގި ކަމެއްގެ ގޮތުގައި ދައްކަން މަސައްކަތްކޮށް، ކަނޑައެޅިގެން އޮޅުވާލާފައިވާ ކަމަށެވެ. އަދި ކުންފުންޏަށް މުދާ ގަންނަނީ، ފަންނީ މުވައްޒަފުންނަށް ފުރިހަމައަށް ބާރުލިބިދޭ ގޮތަށް އެކުލަވާލާފައިވާ އިޖުރާއަތްތަކުގައި ހިމެނޭ ގިނަ މަރުހަލާތަކެއް ފުރިހަމަވެގެން ކަމަށާއި މި ހުރިހާ މަރުހަލާއެއް ފުރިހަމަވެގެން އަންނައިރު، ކުންފުންޏަށް ގަނެވޭ މުދަލުގެ ކޮލިޓީއާއި އަގު އަދި މުއްދަތު ކަނޑައެޅުމުގައި އެ މުދަލެއް ބޭނުންވާ އަސާސީ ހިދުމަތާއި ވަގުތަށް ހާލަތަށް ރިއާޔަތް ކުރެވޭނެ ކަމަށްވެސް ފެނަކަ އިން ބުނެ އެވެ.
ފެނަކަ އިން ވަނީ އާ މެނޭޖްމެންޓް ކުންފުންޏާއި ހަވާލުވުމަށްފަހު، ކުންފުނިން ކުރިން އަމަލުކުރަމުންދިޔަ ޕްރޮކިއުމެންޓް އުސޫލުތަކުގައި ހުރި ބާގަނޑުތަކުން ލިބެމުންދިޔަ ގެއްލުންތައް ހުއްޓުވައި އުސޫލުތައް ހަރުދަނާކުރެވިފައިވާ ކަމަށްވެސް ބުނެފަ އެވެ. އެގޮތުން އެންމެ އިސްކަމެއްގެ ގޮތުގައި ކުންފުންޏަށް ފެންވަރު ދަށް މުދަލާއި ހިދުމަތް ދެމުންދިޔަ "ފޭކް" ކުންފުނިތައް ނުވަތަ ވެންޑަރުން ބްލެކް ލިސްޓު ކުރެވުނު ކަމަށްވެސް ފެނަކަ އިން ވަނީ ބުނެފަ އެވެ.
ކުންފުންޏަށް ހިދުމަތްދޭ ފަރާތްތަކަކީ، ހަރުދަނާ ޓެންޑާ ޕްރޮސެސްއެއްގެ ތެރެއިން ކުންފުނީގައި ރަޖިސްޓްރީ ކުރެވި، އެއްބަސްވުމެއް ގާއިމުވުމުގެ ކުރިން ކޮމިޓީތަކުގައި އިވެލުއޭޓް ކުރެވޭ ފަރާތްތަކެއް ކަމަށާއި އެހެންކަމުން ކުންފުންޏަށް މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދޭ ފަރާތްތަކުގެ ބޮލުގައި "ފޭކު" ކަމަށް އިލްޒާމު އަޅުވައި ހަބަރު ފެތުރުމަކީ، އެ ފަރާތްތަކާއި ކުންފުންޏާއި ދެމެދު އޮންނަ ގުޅުން ހީނަރުވެ އިތުބާރު ގެއްލޭނެ ސަބަބެއް ކަމަށްވެސް ފެނަކަ އިން ވަނީ ބުނެފަ އެވެ.