Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ކެޓް ޝެލްޓާގެ ހިދުމަތް ނޮވެމްބަރުގައި ފަށަނީ

ހުޅުމާލޭގައި ހަދަމުން އަންނަ ކެޓް ޝެލްޓާ އަށް މާލޭގައި އުޅޭ ބުޅާތައް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ބަދަލުކޮށް، އެތަނުގެ ހިދުމަތް ފެށޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

މި މަސައްކަތަކީ ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން މާލެ ކައުންސިލާ ހަވާލުކޮށްފައި އޮތް މަސައްކަތެކެވެ. އެ ކައުންސިލުން ބުނީ މިހާރު ކުރިއަށް ދަނީ ކެޓް ޝެލްޓާގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން މޭޔަރު އާދަމް އާޒިމް ވިދާޅުވެފައި ވަނީ އެ ފެސިލިޓީ އަށް ނޮވެމްބަރު މަހުގެ ތެރޭގައި ބުޅާތައް ގެންދަން ފަށާނެ ކަމަށެވެ. މި ފެސިލިޓީގައި ތިން ކޭޖެއް ތައްޔާރުކު ރާއިރު އެތަނަށް ބުޅާތައް ގެންދަން ގަސްދުކުރަނީ ބުޅާތައް އެހެން ތަނެއްގައި ބެހެއްޓުމަށް ފަހު މޮނިޓަރު ކުރުމަށް ފަހު ވެސް އާޒިމް ވިދާޅުވި އެވެ.

ކެޓް ޝެލްޓާއެއް ހަދަން ނިންނީ މާލޭގައި ބުޅާ ގިނަވެ މަގުތަކުގެ ސާފުތާހިރުކަން ބެލެހެއްޓުމުގައި ވެސް ދަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން ދިއުމާ ގުޅިގެން، ބުޅާތައް އަޅާލެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުންނެވެ. އެގޮތުން ކެޓް ޝެލްޓާ އަކީ ބުޅާތަކަށް ބޭނުންވާނެ ވަރަށް ގިނަ ހިދުމަތްތަކެއް ލިބޭ ތައްޔާރު ކުރަމުން އަންނަ ތަނެކެވެ.