Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ދައުލަތަށް ނުލިބި ހުރި 600 މިލިއަން ރުފިޔާ ހޯދައިފި

ޓެކްސް އާއި އެހެނިހެން އާމްދަނީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހި ނުދައްކާ ހުރި ފައިސާގެ ތެރެއިން 600 މިލިއަނަށް ވުރެ ގިނަ ރުފިޔާ މީރާ އިން ހޯދައިފި އެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓާގައި ތަކުރާރުކޮށް ގުޅައިގެން ޓެކްސްގެ ގޮތުގައި 515 މިލިއަން ރުފިޔާ ވަނީ ހޯދާފަ އެވެ. އޭގެ އިތުރުން ޑިއުޒް ކްލިއަރެންސްގެ ގޮތުގައި 93 މިލިއަން ރުފިޔާ ހޯދާފައިވާއިރު، އެކައުންޓު ފްރީޒްކޮށްގެން 21 މިލިއަން ރުފިޔާ ވަނީ ހޯދާފަ އެވެ. އަދި އޯވަޑިއުވެފައިވާ ޕޭމަންޓްގެ ގޮތުގައި ހޯދި 12 މިލިއަން ރުފިޔާ ވެސް ހިމެނެ އެވެ.

ޓެކްސް ދައްކަން ޖެހޭ ފަރާތްތަކަށް ޓެކްސް ދައްކަން ހަނދާންކޮށްދީގެން ހޯދި އަދަދު 135،000 ރުފިޔާއަށް އަރާއިރު ކޯޓު މަރުހަލާ މެދުވެރިކޮށް 10،000 ރުފިޔާ ވަނީ ހޯދާފަ އެވެ.

މީރާ އިން ބުނީ ޓެކުހާއި ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އަދަދު 10 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އޭގެތެރޭގައި ޓެކްސްގެ ގޮތުގައި ނުލިބޭ 5.5 ބިލިއަން ރުފިޔާ އާއި ރިސޯޓު ކުލީގެ ގޮތުގައި ނުލިބި ހުރި 4.3 ބިލިއަން ރުފިޔާ ހިމެނޭކަމަށް މީރާގެ ހިސާބުތަކުން ދައްކަ އެވެ.

މީރާގެ މައުލޫމާތުތަކަށް ބަލާއިރު ޓެކްސް ބަޔާން ހުށަހަޅަންޖެހޭ 10,796 ފަރާތް ބަޔާން ހުށަަހަޅަމުން ނުދާއިރު 8,947 ފަރާތެއް ޓެކްސް ނުދައްކަ އެވެ.