ﷲ ސުބުޙާނަހޫ ވަތަޢާލާ މީސްތަކުންނަށް ހިދާޔަތެއްގެ ގޮތުގައި ބާވާލެއްވި އިސްލާމް ދީނަކީ މީސްތަކުންގެ ދުނިޔެވީ ޙަޔާތާއި އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރުމަށްޓަކައި ﷲ ބާވާލެއްވި ދީނެކެވެ. އެ ދީނުގައި މީސްތަކުން އުޅެންވީގޮތާއި ނޫޅެންވީގޮތް، ކުރަންވީ ކަންތައްތަކާއި ނުކުރަންވީ ކަންތައްތައް ވަރަށް ތަފްޞީލުކޮށް ދައްކަވާ ދެއްވާފައިވެ އެވެ. ނޭނގެއޭ ބުނެގެން އުޅޭ ބަޔަކަށް ނޭނގިގެން އުޅުނަސް އެކަން އޮތީ އެގޮތަށެވެ.
އެ ދީނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ނުކުރުމަށް އަންގަވައި ޙަރާމްކުރައްވާފައިވާ ކަންކަމަކީ އޭގެ ޒާތުގައި ފައިދާއެއް ހުރެދާނެކަންކަމެވެ. ނަމަވެސް އެއިލާހު އެކަން ޙަރާމްކުރެއްވުމުގެ އެންމެ ބޮޑު އެއްމަޤްޞަދަކީ އެފަދަ އެއްޗަކުން ލިބޭ ފައިދާއަށްވުރެ، ތިމާއަށާއި މުޖުތަމަޢުއަށް ގެއްލުން ބޮޑުވުމެވެ.
މިގޮތުން މީގެ މިސާލަކީ ބަނގުރަލާއި ޖުވާކުޅުމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((يَسْأَلُونَكَ عَنْ الْخَمْرِ وَالْمَيْسِرِ قُلْ فِيهِمَا إِثْمٌ كَبِيرٌ وَمَنَافِعُ لِلنَّاسِ وَإِثْمُهُمَا أَكْبَرُ مِنْ نَفْعِهِمَا)) البقرة: 219 މާނައީ: “ރާއާއި ޖުވާކުޅުމާމެދު އެބައިމީހުން ކަލޭގެފާނާ ސުވާލު سؤالކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެ ދެކަމުގައި ބޮޑުވެގެންވާ ފާފަވެރިވުމަކާއި މީސްތަކުންނަށް ނަފާ ލިބެނިވި ގޮތްތަކެއްވެސް ވެއެވެ. އެ ދެކަމުގެ މަންފާއަށްވުރެ، އެ ދެކަމުގެ ފާފަވެރިކަން މާބޮޑެވެ.”
ވިސްނަވާ ލައްވާށެވެ! މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ޙަރާމްކުރެއްވި ކޮންމެ އެއްޗެއްގެވެސް ޙަޤީޤަތެވެ. ވައްކަންކުރުމާއި، ޒިނޭކުރުމާއި، މަގުފޭރުމާއި، ރިބާކެއުމާއި، ދެބައޮޑުވުމާއި، ދޭތެރެޖެއްސުން ފަދަ އެންމެހާ ކަމަކީ މިފަދަ ކަންކަމެވެ. އެއްގޮތުން ބަލާއިރު އެކަންކުރާމީހާއަށް ފައިދާއެއް އޮވެދާނެއެވެ. ނަމަވެސް އަނެއްގޮތުން ބަލާލައިފިނަމަ އެކަންކުރާމީހާއަށާއި މުޅިމުޖުތަމަޢުއަށް އޭގެ ނުރައްކާތެރިކަން ބޮޑެވެ.
އަޅުގަނޑުމެންގެ ދުނިޔެވީ ޙަޔާތުގައި އަޅުގަނޑުމެން ޢަމަލުކުރަނީވެސް މި ބީދައިންނެވެ. މިސާލެއްގެގޮތުން ޑޮކްޓަރުން ދޭ ބައެއް ބޭސްތަކަކީ އަޅުގަނޑުމެން އެއްގޮތުން ބަލާލައިފިނަމަ ސައިޑްއިފެކްޓް އާއި އެހެން ގޮތްގޮތުން ނުރައްކާވެ، ހަށިގަނޑުގެ އެހެން ގުނަވަންތަކަށް އޭގެ ނުބައި އަސަރުކުރުވާ ބޭސްތަކެކެވެ. ނަމަވެސް އަޅުގަނޑުމެންނަށް އެވަގުތަކު ޖެހިފައިވާ ބަލި ފިލުވާލުމަށްޓަކައި އެބޭސްކަނީއެވެ. އާދެ، ލިބޭ ގެއްލުމަށްވުރެ ފައިދާ ބޮޑުވީމައެވެ.
ﷲ އަށް އިޚްލާޞްތެރިވެ، އެއިލާހަށް އީމާންވެގެންވާ މީހުން ޤަބޫލުކުރާގޮތުގައި، ﷲ ކަމެއް ނުވަތަ އެއްޗެއް ޙަރާމްކުރައްވައިފިނަމަ، އެކަމަކީ އިންސާނާއަށް ގެއްލުން ބޮޑު ކަމެއް ނުވަތަ އެއްޗެކެވެ. އެކަމުގެ ގެއްލުން އަޅުގަނޑުމެނަށް ވިސްނުނުކަމުގައިވީނަމަވެސް ނުވަތަ ނުވިސްނުނުކަމުގައިވީނަމަވެސް މެއެވެ. އަދި އެބައިމީހުން ޤަބޫލުކުރާގޮތުގައި ﷲ އެފަދަ ކަންކަމާއި އެއްޗެހި ޙަރާމްކުރައްވާފައިވަނީ އެއްވެސްޙާލެއްގައި އަޅުގަނޑުމެންނަށް އުނދަގޫ ކުރިމަތިކުރުވައި، ފަޤީރުކޮށް، ބަނޑަށްޖެއްސުމަކަށް ނޫނެވެ. ﷲ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. ((يُرِيدُ اللَّهُ بِكُمْ الْيُسْرَ وَلا يُرِيدُ بِكُمْ الْعُسْرَ)) البقرة: 185 މާނައީ: “ﷲ، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ.”އަދިވެސް ވަޙީކުރައްވާފައިވެއެވެ. ((يُرِيدُ اللَّهُ أَنْ يُخَفِّفَ عَنْكُمْ وَخُلِقَ الإِنسَانُ ضَعِيفاً)) النساء: 28 މާނައީ: “ﷲ އިރާދަކުރައްވަނީ، ތިޔަބައިމީހުންނަށް ލުއިކޮށް ދެއްވުމަށެވެ. އަދި، އިންސާނާ ހައްދަވާފައިވަނީ، (އެދުންތަކުގެ ކުރިމަތީގައި) ނިކަމެތިވެގެންވާ މީހެއް ކަމުގައެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ((مَا يُرِيدُ اللَّهُ لِيَجْعَلَ عَلَيْكُمْ مِنْ حَرَجٍ وَلَكِنْ يُرِيدُ لِيُطَهِّرَكُمْ وَلِيُتِمَّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ)) المائدة: 6 މާނައީ: “ތިޔަބައިމީހުންގެ މައްޗަށް ދަތިކަމެއް ލެއްވުމަކަށް ﷲ އިރާދައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު އެކަލާނގެ އިރާދަކުރައްވަނީ ތިޔަބައިމީހުން ޠާހިރުކުރެއްވުމަށާއި، ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ ނިޢުމަތް ފުރިހަމަ ކުރެއްވުމަށެވެ. (އެއީ) ތިޔަބައިމީހުން ޝުކުރުކުޅައުމަށްޓަކައެވެ.”
ކަންއޮތީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. ކަންމިހެންހުރިއިރު، އެއިލާހުގެ ޙުކުމްފުޅުތަކާމެދު ފަރުވާކުޑަކޮށް، އެޙުކުމްފުޅުތަކަށް ކުޑައިމީސްކޮށް ހެދުމަކީ އެއިލާހުގެ ޙުކުމްފުޅުތައް ދައްކޮށްލުމެވެ. އެއިލާހުގެ ޙުކުމްފުޅުތަކަށް ފާޑުކިޔުމަކީ އެއިލާހަށް ފާޑުކިޔުމެވެ. ކަމަކީ ބިރުހުރިކަމެކެވެ.
އަޅުގަނޑުމެން ބަލާލައިފިނަމަ، ﷲ ޙަރާމްކުރައްވާފައިވާ ތަކެއްޗަށްވުރެ އެއިލާހު އަޅުގަނޑުމެންނަށް ޙަލާލުކުރައްވާފައިވާ ތަކެތި ގިނަގުނައެވެ. ކެއުމަށާއި ބުއިމަށް ބޭނުންކުރާ ތަކެއްޗެވެ. ޙާއްޖަތްތައް ފުއްދުމަށްޓަކައި ބޭނުންކުރާ ތަފާތު އާލަތްތަކެވެ. މުޢާމަލާތާއި، އިޖުތިމާޢީ ގުޅުންތަކެވެ. މީގެތެރެއިން މަދުކަމެއް ނުވަތަ މަދުއެއްޗެއް ފިޔަވައި ދެންހުރީ ހައްތަހާވެސް ﷲ ޙަލާލުކުރައްވާފައިވާ ކަންކަމާއި ތަކެއްޗެވެ. މިއީ އެއިލާހުގެ އަޅުތަކުންނަށް އެއިލާހުގެ ރަޙްމަތާއި އޯގާވަންތަވެރިކަމެވެ. ހިތާމައަކީ ﷲ ޙަލާލުކުރެއްވި ގިނަގުނަ ކަންތައްތަކާއި އެއްޗެހި ދޫކޮށް ޙަރާމް ކަންތައްތަކާއި އެއްޗެއްސަށް ބައެއް މީހުން ލޯބިޖެހޭކަމެވެ. ﷲއަށް އޮޅުވާލުމަށްޓަކައި އަމިއްލަ އެދުން އިސްކޮށް އުޅެތެވެ. ޙަޤީޤަތުގައި އެބައިމީހުންނަށް އޮޅުވާލެވެނީ ހަމައެބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށެވެ.
ޖާބިރު ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެފައިވާ ޙަދީޘެއްގެ މާނައިގައިވެއެވެ. މައްކާ ފަތަޙަކުރެއްވި ދުވަހު، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވަނިކޮށް ތިމަން އެހީމެވެ. “ހަމަކަށަވަރުން ﷲ އާއި އެއިލާހުގެ ރަސޫލާ ވަނީ ބަނގުރަލާއި، މުޅަތަކެއްޗާއި، އޫރާއި، އަޅުކަންކުރަން ގެންގުޅޭ ބުދު ވިއްކުން ޙަރާމްކުރައްވާފައެވެ.” އެހިނދު އެކަލޭގެފާނަށް ދެންނެވުނެވެ.“މުޅަތަކެތީގެ ސަރުބީ (ގަނެވިއްކުން ހުއްދަކަމަށް) ކަލޭގެފާނު ދެކިލައްވަމުތޯއެވެ؟ ފަހެ، އެއީ (އެބަހީ ސަރުބީން ހަދާ ތެލަކީ) ނާތަކުގައި ލައި، އަދި ހަމުގައި ލައި، މީސްތަކުން ބައްތިތައް ދިއްލާ އެއްޗެކެވެ.” ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ނޫނެކެވެ. އެ ޙަރާމެވެ. (އެބަހީ މުޅަތަކެތީގެ ސަރުބީ ގަނެވިއްކުން ޙަރާމެވެ.)” ދެން އެއަށްފަހު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ﷲ ޔަހޫދީން ޤަތުލުކުރައްވާށިއެވެ! ހަމަކަށަވަރުން ﷲ އެބައިމީހުންގެ މައްޗަށް މުޅަތަކެތީގެ ސަރުބީ ޙަރާމްކުރެއްވުމުން، އެސަރުބީ ހާނައިގެން އެވިއްކައިގެން އެއިންލިބޭ ފައިދާ ކެއެވެ.” (ބުޚާރީ: 2236، މުސްލިމް: 1581)
މިއީ ﷲ ޙަރާމްކުރައްވާފައިވާ ތަކެއްޗާމެދު މީހުން، ﷲއަށް އޮޅުވާލުމަށްޓަކައި ޖަހާ މަކަރެވެ. އެބައިމީހުންގެ މަކަރުވެރިކަން ވަނީ އެބައިމީހުންގެ މައްޗަށެވެ. މިގޮތަށް އެންމެ ބޮޑަށް ހީލަތް ހެދިބަޔަކީ ޔަހޫދީންނެވެ. މުސްލިމުންގެ ނަމުގައި ތިބެގެން މިފަދަ ޙީލަތް ހަދަންމީހުން އުޅެއެވެ. ތިމާމެން އޭގެ ބޭނުންނުކޮށް އެހެން މީހުންނަށް ބަނގުރަލާއި، އޫރުމަސް ފަދަ ތަކެތި ވިއްކައިގެން އޭގެފައިދާ ކައިއުޅޭ ބަޔަކު މުސްލިމުންގެ ނަމުގައި އުޅެމުން ދެއެވެ. މިބައިމީހުންގެ އަމިއްލައެދުން ވަނީ އެބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ވެރިވެގެންފައެވެ. ތިމާމެންނަށް އަރާމާއި އުފަލުގައި މިއުޅެވެނީ މިތަކެތި ވިއްކައިގެން ކަމުގައި ހީކުރެއެވެ. މިތަކެއްޗާއި ނުލައި ތިމާމެން ބަނޑަށްޖެހި، ފަޤީރުވެދާނެކަމަށް ހީވެއެވެ. ބައެއްމީހުން އޭގެ ނަން ބަދަލުކޮށްގެންނެވެ.
ޒިނޭކުރުމުގެ މާނަ މަސާޖުކުރުމަށް ބަދަލުކޮށްގެންނެވެ. ޒިނޭ ޚާނާތައް ސްޕާތަކުގެ މާނައަށް ބަދަލުކޮށްގެންނެވެ. މިއެންމެހާ ކަމަކީ ޝައިޠާނާ އިންސާނާ މަގުފުރެއްދުމަށްޓަކައި ޖަހާ މަކަރުވެރި މަޅިތަކެވެ. އެކަންބަޔާންކުރައްވައި ﷲ ވަޙީ ކުރައްވާފައިވެއެވެ. ((الشَّيْطَانُ يَعِدُكُمْ الْفَقْرَ وَيَأْمُرُكُمْ بِالْفَحْشَاءِ وَاللَّهُ يَعِدُكُمْ مَغْفِرَةً مِنْهُ وَفَضْلاً وَاللَّهُ وَاسِعٌ عَلِيمٌ)) البقرة: 268 މާނައީ: “ފަޤީރު ވެދާނޭ ކަމުގެ ބިރުން، ތިޔަބައިމީހުންނަށް ޝައިޠާނާ ބިރުދައްކަތެވެ. އަދި، އެ ޝައިޠާނާ ތިޔަބައިމީހުންނަށް ނުބައިކަންތަކަށް އަމުރު ކުރެތެވެ. ﷲ، ތިޔަބައިމީހުންނަށް ވަޢުދުކުރައްވަނީ، އެކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންނަށް ފާފަފުއްސެވުމާއި، ފަޟްލަވަންތަ ކަމަށެވެ.
ﷲއީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.” ފަޤީރުވެދާނޭކަމުގެ ބިރަކީ ޝައިޠާނާ މީސްތަކުން މަގުފުރެއްދުމަށްޓަކައި ވިސްނައިދޭ ނުބައިވިސްނުމެއްކަން މިއާޔަތުން ސާބިތުވެއެވެ. ވީއިރު، އެކަމުގެ މަޅީގައި ޖެހި ﷲ ޙަރާމްކުރައްވާފައިވާ ތަކެތި ވިއްކުމަކީ ތިމަންމެން ރޯދިކަމުގައިދައްކައި، އެތަކެތި ވިއްކުމުން ބަރީޢަވުމަކީ ފަޤީރުވެދާނެކަމެއްކަމުގައި ދެއްކުމަކީ ޝައިޠާނާގެ މަގަށް މީސްތަކުން ގެނެސް، ﷲ ޙަރާމްކުރެއްވި ތަކެތި ފެތުރުމުގައި ޖަހާ ކެހިވެރި މަޅިއެކެވެ.
އަދިވެސް ﷲ ވަޙީ ކުރައްވާފައިވެއެވެ. ((وَلأضِلَّنَّهُمْ وَلأمَنِّيَنَّهُمْ وَلآمُرَنَّهُمْ فَلَيُبَتِّكُنَّ آذَانَ الأَنْعَامِ وَلآمُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ اللَّهِ وَمَنْ يَتَّخِذْ الشَّيْطَانَ وَلِيّاً مِنْ دُونِ اللَّهِ فَقَدْ خَسِرَ خُسْرَاناً مُبِيناً)) النساء: 119 މާނައީ: “(ޝައިޠާނާ ބުންޏެވެ.) އަދި، ތިމަން ހަމަކަށަވަރުން، އެބައިމީހުން މަގުފުރައްދާހުށީމެވެ. އަދި، ތިމަން އެބައިމީހުން ލައްވައި، ޙަޤީޤަތެއްނެތް އުންމީދު ތަކެއްވެސް ކުރުވާހުށީމެވެ. (އެބަހީ، އެބައިމީހުންގެ އެމަގުފުރެދުމަކީ ތެދުމަގުކަމުގެ އުއްމީދު ކުރުވާހުށީމެވެ.) އަދި، ގެރި، ބަކަރި، ޖަމަލުގެ ކަންފަތްތައް ކެނޑުމަށްވެސް އެބައިމީހުންނަށް ތިމަން އަމުރުކުރާހުށީމެވެ. (އެބަހީ ﷲ ޙަރާމްކުރައްވާފައިވާ ތަކެތި ޙަރާމްކަރުމަށް، އަދި ޙަރާމްކުރައްވާފައިވާތަކެތި ޙަރާމްކުރުމަށް އަމުރުކުރާހުށީމެވެ.) އަދި، ﷲގެ ޚަލްޤުކުރެއްވުން ބަދަލުކުރުމަށްވެސް އެބައިމީހުންނަށް ތިމަން އަމުރުކުރާހުށީމެވެ. ﷲ ފިޔަވައި ޝައިޠާނާ އެއީ އެހީތެރިޔަކު ކަމުގައި ހަދައިފިމީހާ (ދަންނާށެވެ!) ފަހެ، ބަޔާންވެގެންވާ ގެއްލެނިވުމަކުން އެމީހާ ގެއްލެނިވެއްޖެކަން ކަށަވަރެވެ.”
ހައްތަހާ ވެސް ޝައިޠާނާގެ ދަންތުރަތަކެވެ. ހަ މައެފަދައިން، ނުބައި ކަންކަމާއި، ތަކެތި ރީތިކޮށް ޒީނަތްތެރިކޮށް މީސްތަކުންނަށް އޭނާ ދައްކައިދެއެވެ. އިންސާނުންގެ ނަޞްލުފެށިފައިވާ އާދަމްގެފާނާއި ޙައްވާގެފާނަށް އޭނާ ޒީނަތްތެރިކޮށްދިނީ މިގޮތެވެ. ﷲ ކެއުން ޙަރާމްކުރެއްވި ގަސް، އެދެކަނބަލުންނަށް އޭނާ ޞިފަކޮށްދިނީ އެގަހުން ކެއުމަކީ އަބަދަށް ދެމިހުންނާނެ ކަމެއް ގޮތުގައެވެ. އަދި ނަމެއްގެ ގޮތުގައި އެގަހަށް شجرة الخُلدކިޔެވެ. ((فَوَسْوَسَ إِلَيْهِ الشَّيْطَانُ قَالَ يَا آدَمُ هَلْ أَدُلُّكَ عَلَى شَجَرَةِ الْخُلْدِ وَمُلْكٍ لا يَبْلَى)) طه: 120 މާނައީ: “ފަހެ، ޝައިޠާނާ އެކަލޭގެފާނަށް ވަސްވާސްދީ ބުންޏެވެ. އޭ އާދަމްގެފާނެވެ! (އެ ގަހުން ފަރިއްކުޅުއްވައިފިނަމަ، ކަލޭގެފާނު އަބަދަށް ދެމިހުންނަވާނެ) شجرة الخُلد ގަހާއި، ފަނާވެގެންނުދާނޭ ވެރިކަމެއް، ކަލޭގެފާނަށް ތިމަން ދައްކަންތޯއެވެ؟” އިބްނު ޤައްޔިމު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
“އިބްލީހުގެ ފަރާތުން އޭނާގެ ބައިވެރިންނަށް ވާރުތަވެފައިވާ އެއްވާރުތައަކީ، ޙަރާމްކުރެއްވި ކަންކަމަށް ނަފްސުތައް ހިތްކިޔާ ނަންތަކުން ނަންދިނުމެވެ. ފަހެ، އެޝައިޠާނުން ބަނގުރަލަށް ‘އުފާތަކުގެ މަންމަ’ގެ ނަންކިޔައެވެ.”
ހަމަމިފަދައިން، މިހާރު ރިބާއަށް ފައިދާއާއި، ލޯނު އިންޓަރެސްޓް ނަންދީފައިވެއެވެ. ޒިނޭޚާނާ ތަކަކީ މަސާޖުކުރާ ސްޕާތައް ކަމުގެ ނަން ދީފައިވެ އެވެ. އަންހެން ކަނބަލުން މީސްތަކުންގެ ކުރިމައްޗަށް ނެރެ ބަރަހަނާކޮށް، ނައްޓުވާ، ކުޅިވަރުކުޅުވުމަކީ ހުނަރުވެރިކަމާއި، ކެރުމާއި، އަންހެނުންގެ ޙައްޤުތައްކަމުގައާއި، ތަހްޒީބުކަމުގެ ނަން ދީފައިވެއެވެ. ހުރިހާ ނުބައި ފާޙިސް ކަންކަމަކީ ފަންނުތައް ކަމުގެ ނަން ދީފައިވެއެވެ. އިސްލާމްދީނުގެ އެއްބަޔަށް ޢަމަލުކުރުމަކީ މެދުމިންކަމުގެ ނަން ދީފައިވެއެވެ. ހަމައެފަދައިން، ﷲ ޙަލާލުކުރެއްވި ކަންކަމާއި، ތަކެތީގެ ނަން ހުތުރުކުރުމަށް ޝައިޠާނާ އަންގައެވެ.
މިގޮތުން އިސްލާމްދީނުގައި އަންގަވާ ދެއްވާފައިވާގޮތަށް ޢަމަލުކުރުމަކީ ނާތަހުޒީބު ކަމުގެ ނަންދީ، ﷲގެ ޙުކުމްފުޅުތަކަކީ ހަރުކަށި، ޒަމާނާނުގުޅޭ ޙުކުމްތަކެއް ކަމުގެ ނަންދެއެވެ. މިލިސްޓަކީ ދިގު ލިސްޓެކެވެ. މިއީ ޝައިޠާނާގެ ރޭވުމާއި، މަކަރުވެރިކަމެވެ. އެއީ ހަމައެކަނި އޭނަކޮށްފައިވާ ވަޢުދު ފުރިހަމަކުރުމަށެވެ. އިންސާނުންނަށް އޭނާ ވާ ޙަސަދައެއްގެ ބޮޑުކަމުންނެވެ. ((قَالَ فَبِعِزَّتِكَ لأغْوِيَنَّهُمْ أَجْمَعِينَ * إِلاَّ عِبَادَكَ مِنْهُمْ الْمُخْلَصِينَ)) ص: 82-83 މާނައީ: “ޝައިޠާނާ ދެންނެވިއެވެ. ފަހެ، އިބަރަސްކަލާނގެ ޢިއްޒަތްތެރިވަންތަކަން ގަންދީ ބުނަމެވެ. ހަމަކަށަވަރުން، އެބައިމީހުންގެ އެންމެން މަގުފުރައްދާހުށީމެވެ. އެބައިމީހުންކުރެ، އިޚްލާޞްތެރިވި އިބައިލާހުގެ އަޅުން މެނުވީއެވެ.”
ﷲ ޙަރާމްކުރެއްވި ކަންތައްތަކުން ދުރުހެލިވުމަކީ ފަޤީރުކަމަށާއި، ބިރުހުރިކަމެއްކަމަށް ޝައިޠާނާ އަބަދުވެސް ވަސްވާސްދޭނެއެވެ. ޙައްޤުގޮތުގައި ﷲ އަށް އީމާންވާމީހުންގެ ގޮތަކީ ﷲ އަށް ކިޔަމަންތެރިވެ، އެއިލާހު ޙަރާމްކުރެއްވިކަންތައްތަކުން ކިޔަމަންތެރިކަމާއެކު ދުރުހެލިވުމެވެ. އެބައިމީހުން ﷲއަށް ވަކީލުކުރާނެއެވެ. އަދި ރިޒްޤުދެއްވާ ފަރާތަކީ އެއިލާހުކަން އެބައިމީހުން ދަންނާނެތެވެ.
އެބައިމީހުން ތެދުހިތުން ޤަބޫލުކުރަނީ އަންނަނިވި އާޔަތެވެ. ﷲ، އެއިލާހުގެ ބަސްފުޅާ ޚިލާފުވެވޮޑިގެން ނުވާނެކަން އެބައިމީހުން ދަނެއެވެ. ((وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجاً * وَيَرْزُقْهُ مِنْ حَيْثُ لا يَحْتَسِبُ وَمَنْ يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ إِنَّ اللَّهَ بَالِغُ أَمْرِهِ قَدْ جَعَلَ اللَّهُ لِكُلِّ شَيْءٍ قَدْراً)) الطلاق: 2-3 މާނައީ: “އަދި ﷲއަށް ތަޤްވާވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް (ދުނިޔެއާއި އާޚިރަތްދުވަހުގެ މުޞީބާތްތަކުން) ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް ރިޒްޤު ދެއްވާނެތެވެ. އަދި ﷲއަށް ވަކީލުކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ.
ހަމަކަށަވަރުން، ﷲއީ، އެކަލާނގެ އަމުރުފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲ ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ.”
ނޯޓް: ދިސަލަފިއްޔާ