ސ. ހިތަދޫ ތާރު އެޅި ބޮޑުގައި ސައިކަލް ދުއްވާ އިރު ހެލްމެޓް އަޅަން ޖެހޭ ގޮތަށް ހެދުމުގެ ވިސްނުމާއި އެ މަގުގައި ސްޕީޑް ބްރޭކަރު ހެދުމަކީ ކައުންސިލް ބޭނުންވާ އަދި ކައުންސިލް ވިސްނަމުން ގެންދާ ކަމެެއް ކަމަށް ކައުންސިލްގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓުން ބުނެފި އެވެ.
އެ ޑިޕާޓްމަންޓްގެ ފަރާތުން ވާހަކަ ދެއްކެވި ހިތަދޫ އަވަށު ބޯޑްގެ ރައީސް އިބްރާހީމް ޝިނާޒް މޫސާ ވިދާޅުވީ ބޮޑު މަގުގައި ހެލްމެޓް އަޅައިގެން ދުއްވަން ޖެހޭ ގޮތަށް ހެދުމަކީ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ގެ ވެސް ވަރަށް ބޮޑު ވިސްނުމެއް ކަމަށެވެ. އެހެންވެ ޓްރާންސްޕޯޓް މިނިސްޓްރީ އާ ގުޅިގެން އެކަން ކާމިޔާބް ކުރެވިދާނެ ކަމަށް ގަބޫލް ކުރައްވާ ކަމަށް ޝިނާޒް ވިދާޅުވި އެވެ.
އެއްގަމު ދަތުރުގެފަތުރުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ހެލްމެޓް އަޅަން ޖެހެނީ 60 ކިލޯ މީޓަރަށް ދުއްވުމުގެ ހުއްދަ އޮންނަ ސަރަހައްދުގަ އެވެ.
އެގޮތުން މިހާތަނަށް އެ ސްޕީޑްގައި ދުއްވުމުގެ ހުއްދަ އޮންނަނީ ހިތަދޫ ލިންކް ރޯޑްގެ ފަޅު ރަށްތަކުގެ ތެރެއިން ސަރަހައްދެއްގަ އެވެ. އެ ސަރަހައްދުގެ ތެރޭގައި ހެލްމެޓް ނާޅައި ދުއްވައިފި ނަމަ 750ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ.
"ހިތަދޫ ބޮޑު މަގުގައި ބާރު ސްޕީޑްގައި ދުއްވާ މައްސަލައަކީ ކަންބޮޑުވާ މައްސަލައެއް. އެ މަގުގައި ދުއްވާ އިރު ވެސް ހެލްމެޓް އަޅަން ޖެހޭ ގޮތަށް ހެދުމަކީ އަޅުގަނޑުމެންގެ ވިސްނުމުގައި ކަމެއް. އެކަން ވޭތޯ މަސައްކަތް ކުރާނެ،" ޝިނާޒް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ހިތަދޫ ބޮޑު މަގު ހެދުމުގެ މަސައްކަތް އެއްކޮށް އަދި ފުރިހަމަ ނުވާ ކަމަށެވެ. އެެހެންވެ މަގުގެ މަސައްކަތް އެއްކޮށް ފުރިހަމަވެގެން އަންނަ އިރު ސްޕީޑް ބްރޭކަރު ހަދައި، މަގުގައި ހުންނަން ޖެހޭ ސައިން ބޯޑްތައް ވެސް ހުންނާނެ ކަމަށް ޓްރާންސްޕޯޓް ޑިޕާޓްމަންޓުން ބުންޏެވެ.
ހިތަދޫ ބޮޑުގައި ފަހަކަށް އަައިސް ބައެއް މީހުން ބާރު ސްޕީޑްގައި ދުއްވާކަން ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވެ އެވެ. މިކަމާ ގުޅިގެން ނުކުރައްކާތެރި އެކްސިޑެންޓްތައް ހިނގުން އާންމުވެ، އާންމުންގެ ފުރާނަ އަށް ވެސް ދަނީ ގެއްލުން ލިބެމުންނެވެ.
މި މަހުގެ 1 ވަނަ ދުވަހުގެ ރޭ ވެސް ބޮޑު މަގުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކަށް ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ.