Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

މެރިން ހެޗަރީގެ އިތުރު ޕްރޮގްރާމަކަށް ހުޅުވާލައިފި

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން އަނެއްކާ ވެސް ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު އަންނަ މަހުގެ 15 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މިއީ ފަރުމަސް އާލާކުރުމުގެ ހުނަރު އުނގަންނައިދީ އެ ދާއިރާއިން މީހުން ބިނާކުރުމުގެ މަގުސަދުގައި ފިޝަރީޒް މިނިސްޓްރީ އާއި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުގެ ފަރާތުން ހިންގަން ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ ނޮވެންބަރު މަހުގެ 12 އާ ހަމައަށެވެ.

މިނިސްޓްރީން ބުނީ ޕްރޮގްރާމިން ފުރުސަތު ދޭނީ 15 ފަރާތަކަށް ކަމަށެވެ. ޕްރޮގްރާމްގައި ބައިވެރިވުމަށް އެއަށް ވުރެ ގިނަ ފަރާތްތަކުން ހުށަހަޅައިފި ނަމަ، ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ.

ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައި ވަނީ ކ. މަނިޔަފުށީގައެވެ. ކޯހުގެ ބޭނުމަށް މާލެ އާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް އިންސްޓިޓިއުޓުން ހަމަޖައްސައި ދޭނެ އެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު 3322242 ނަމްބަރުން ހޯދޭނެ އެވެ.