Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ބަންކަރިން ހިދުމަތް ހޯދަން ޕެނަމާ ބޯޓެއް އަންނަނީ

ބަންކަރިން ހިދުމަތް ފެށުން - ފޮޓޯ: އެމްޕީއެލް

ވޯޓާ ބަންކަރިންއާއެކު އިތުރު ހިދުމަތްތަކެއް ހޯދުމަށް ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ ބޯޓެއް އަންނަ ބުރާސްފަތި ދުވަހު އިހަވަންދިއްޕޮޅުގައި މަޑުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެ އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު މިއަދު ވިދާޅުވީ މި ބޯޓުން ހޯދުމަށް އެދިފައިވާ ހިދުމަތްތަކުގެ ތެރޭގައި ޕައިލެޓޭޖް ހިދުމަތް، ފްރެޝް ވޯޓާ ބަންކަރިން، ކުރޫ ބަދަލުކުރުމާއި، ކާބޯތަކެތި ސަޕްލައި ކޮށްދިނުމާއި، ސްޕެއާ ޕާޓްސް ސަޕްލައި ކޮށްދިނުން ހިމެނޭ ކަމަށެވެ.

އަދި ކުރޫ ބަދަލުކުރުމުގެ ގޮތުން ރާއްޖެއިން ބޭރުން އަންނަ ހަ ކުރޫއެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހއ. އަތޮޅަށް ގެންގޮސް ޕެނަމާ ބޯޓަށް އަރުވައިދިނުމާއި، ޕެނަމާ ބޯޓުގައި ތިބި ކުރޫންގެ ބަޔަކު ބޯޓުން ބާލައިގެން ގެންގޮސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އިން ބޭރަށް ފުރުވާލުން ވެސް ހިމެނޭ ކަމަށް ވަޖީހު ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ، އެ ބޯޓަށް ހިދުމަތް ދިނުމުގައި އެމްޕީއެލްގެ އިތުރުން، އަމިއްލަ ކުންފުނިތައް ވެސް ބައިވެރި ވާނެ ކަމަށެވެ. އަދި އެ ބޯޓުގެ ޝެޑިއުލް ހަމަޖެހިފައިވާ ގޮތުން ބޯޓުގެ ބައެއް ކަހަލަ މެއިންޓެނެންސް މަސައްކަތްތައް ކުރަން ޖެހޭތީ، ފަސް ވަރަކަށް ދުވަހު އެ ބޯޓު އިހަވަންދިއްޕޮޅުގައި މަޑުކުރަންޖެހިދާނެ ކަމަށް ވެސް ވަޖީހު ވިދާޅުވި އެވެ. އެހެން ދިމާވެއްޖެނަމަ، އެ ސަރަހައްދުގެ ރައްޔިތުންނަށް ވިޔަފާރީގެ އިތުރު ފުރުސަތުތައް ހުޅުވިގެން ދާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ހިދުމަތް ފެށީ މިދިޔަ ސެޕްޓެމްބަރު 19 ވަނަ ދުވަހު އެވެ.