އައިސްޕުލާންޓު ހިންގަން ލައިސަންސް ނަގަންޖެހޭ ގޮތައް ގަވާއިދު އިސްލާހުކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ "މަސްވެރިކަމުގެ މަޝްރޫޢުތައް ޤާއިމްކުރުމަށް ހުއްދަދިނުމުގެ ގަވާއިދު" ގެޒެޓްކުރެވި އެޤަވާއިދަށް މިހާރު އަމަލުކުރަމުންދާ ކަމަށެވެ.
މި ޤަވާއިދުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ހިންގާ މަސްވެރިކަމުގެ މަޝްރޫޢުތަކަކީ މަސްވެރިކަމުގެ ޞިނާޢަތަށް އެކަމުގެ މަންފާ އެދެވޭ ގޮތުގައި ކުރާނެ ގޮތަށް ފަރުމާކޮށްގެން ހިންގާ މަޝްރޫޢުތަކެއްކަން ކަށަވަރުކުރުމާއިއެކު، މަސްވެރިކަމުގެ މަޝްރޫޢު ޤާއިމްކުރުމަށް ހުއްދަ ހޯދުމާއި އެ މަޝްރޫޢުތަކުގެ ދަށުން ޤާއިމްކުރާ ފެސިލިޓީތައް ހިންގުމަށް ލައިސަންސް ހޯދުމުގައި ޢަމަލުކުރަންޖެހޭ މަރުޙަލާތައް ކަނޑައަޅައި، ހަރުދަނާ އުޞޫލުތަކެއްގެ ތެރެއިން އެކަންކަން ތަންފީޒުކުރުމެވެ.
މި ޤަވާއިދުތަކުގެ ދަށުން، މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށް އައިސް ޕްލާންޓް ޤާއިމްކުރުމަށް ހިންގާ މަޝްރޫޢުތަކަކީ އައިސްޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން މަސްވެރިކަމުގެ މަޝްރޫޢުތައް ޤާއިމްކުރުމަށް ހުއްދަދިނުމުގެ ޤަވާއިދުގެ ދަށުން ހުއްދަނަގަންޖެހެ އެެވެ.
މީގެ އިތުރުން، މިނިސްޓްރީން ހުއްދަ ލިބިގެން އައިސްޕްލާންޓް ޤާއިމް ކުރުމަށް ހުއްދަ ނަގާ ފަރާތްތަކުން އައިސްޕްލާންޓުގެ ޚިދުމަތް ދޭންފެށުމުގެ ކުރިން މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށް ލައިސަންސް ދިނުމާ ގުޅޭ ޤަވާއިދުގެ ދަށުން "އައިސްޕްލާންޓް ހިންގުމުގެ ލައިސަންސް" ނެގުމަށް ލާޒިމްކުރެ އެވެ. އަދި މިހާރު އައިސްޕްލާންޓްތައް ހިންގަމުންގެންދާ ފަރާތްތަކުންވެސް މި ޤަވާއިދުގެ ދަށުން ލައިސަންސް ނަގަންޖެހޭގޮތަށް ކަނޑައަޅާފައިވެ އެވެ.
ފިޝަރީޒް މިނިސްޓްރީން ވަނީ އައިސްޕްލާންޓްތައް ހިންގަމުންގެންދާ ފަރާތްތަކުން މި މަހުގެ 15 ގެ ކުރިން އައިސްޕްލާންޓް ހިންގުމުގެ ލައިސަންސަށް އެދި މިނިސްޓްރީއަށް ލިޔުމުން ނުވަތަ އީ-މެއިލް މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.