Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ސްޓެލްކޯ ކޮންޓެކްޓް ސެންޓަރު 24 ގަޑިއިރަށް

ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފި އެވެ.

މި ބަދަލު ގެނެސްފައިވަނީ ރޭ 12:00 އިން ފެށިގެންނެވެ. ސްޓެލްކޯއިން ބުނީ މިއީ ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ކަމެއް ކަމަށެވެ.

މި އަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު އެ ކުންފުނިން ވަނީ ސްޓެލްކޯ ހޮޓްލައިން، 1545 ތައާރަފުކޮށްފަ އެވެ. އެ ކުންފުނީގެ ހޮޓްލައިން މެދުވެރިކޮށް ކޮންޓެކްޓް ސެންޓަރަށް ގުޅައިގެން ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ހުރިހާ ހިދުމަތަކާއި ގުޅުންހުރި މައުލޫމާތު ލިބިގަނެ، ކަރަންޓު ބިލްތަކާއި ގުޅުންހުރި ޝަކުވާތައް ހުށަހެޅޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯއިން ބުނީ ކުންފުނީގެ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ސްޓެލްކޯ ކެއަރގެ ހިދުމަތާއިއެކު ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާއި މުޢާމަލާތު ކުރެވޭނެ އިންތިޒާމު ވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް ހިދުމަތް ފުޅާކުރުމާއި ގުޅޭގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ސްޓެލްކޯ ކޮންޓެކްޓް ސެންޓަރގެ ހިދުމަތް މިއަދު 24 ގަޑިއިރަށް ބަދަލުވެގެންދިޔައިރު، މިއީ ސްޓެލްކޯގެ ހިދުމަތް ފުޅާކޮށް، ސްޓެލްކޯއިން ދެމުންދާ ހިދުމަތްތަކަކީ ޒަމާނާ އެއްހަމައެއްގައި ފައިހަމަ ކުރާ ހިދުމަތްތަކަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް އިތުރުކުރެވުނު ބޮޅެއް ކަމަށެވެ.

މި ހިދުމަތް ވެގެންދާނީ ސްޓެލްކޯއަށް މިހާރުވެސް ރައްޔިތުން ކުރަމުންދާ ފުރިހަމަ އިތުބާރު އިތުރުވެ، ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމުގައި ކުރިއަށް އެޅޭ ކާމިޔާބު ފިޔަވަޅަކަށް ކަމަށް ފަހުމީ ވިދާޅުވި އެވެ.