ފާނަ އާލާކުރުމުގެ މަސައްކަތަށް ބޮޑު ސަރަހައްދެއް ކަނޑައަޅަން ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިގޮތަށް ނިންމީ ފިޝަރީޒް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް މަޝްވަރާކުރުމަށްފަހު ކަމަށެވެ.
އެގޮތުން މާލެއަތޮޅު ދެކުނުން، ވާދޫ ކަނޑުއޮޅިން ފެށިގެން ގާތްގަނޑަކަށް 7 ކިލޯމީޓަރު ދެކުނުން އޮތް ޖުމްލަ 73 ހެކްޓަރުގެ ފަރުގެ ސަރަޙައްދަކީ ކޮމަރޝަލް ސްކޭލެއްގައި ފާނަ އާލާކުރުމުގެ މަސައްކަތް ހިންގުމަށް ޚާއްޞަކުރެވޭ މޫދުކޮށީގެ ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅުމަށް ވަނީ ނިންމާފަ އެވެ. އަދި މެރިކަލްޗާ ކުރުމަށް ކަނޑައަޅާ ޒޯނުތައް ކުއްޔަށް ދިނުމުގައި ޢަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅުން ވެސް ހިމެނެ އެވެ.
މީގެއިތުރުން ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް ކަނޑުގެ ވަޞީލަތްތަކުން ލިބޭ ނަފާ އިތުރުކުރުމުގެ ގޮތުން، ކުރިއަށް ގެންދާނެ ކަންތައްތަކެއް ވެސް ވަނީ ނިންމަވާފަ އެވެ.
އެގޮތުން ނިންމެވި ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރިތައް ޤާއިމުކުރުމަށްޓަކައި، ހެޗަރީތައް ބިނާކުރުމާއި ހެޗަރީގައި އުފައްދާ ބާވަތްތައް މޫދުގެ މާޙައުލުގައި ބޮޑުކުރުމަށް، ފޮރިން އިންވެސްޓްމަންޓްތައް ހިމެނޭގޮތަށް އާންމުކޮށް ހުޅުވާލައިގެން، ވަކި ޒޯނުތަކެއް މެރިކަލްޗަރ ތަރައްޤީކުރާ ޒޯންތަކެއްގެ ގޮތުގައި ކަނޑައެޅުން ހިމެނެ އެވެ. އެގޮތުން ކަނޑައެޅުއްވި ޒޯންތަކަކީ:
– ބޮޑުތިލަދުންމަތި (ހދ. އަދި ށ.އަތޮޅު) މެރިކަލްޗަރ ޒޯން
– މާޅޮސްމަޑުލު އުތުރުބުރީ (ރ) އަތޮޅު މެރިކަލްޗަރ ޒޯން
– މުލަކަތޮޅު (މ) އަތޮޅު މެރިކަލްޗަރ ޒޯން
– ކޮޅުމަޑުލު (ތ) އަތޮޅު މެރިކަލްޗަރ ޒޯން މިއެވެ.