ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ބޭރު ފައިސާއާބެހޭ އާ ގަވާއިދުގެ ދަށުން އެމްއެމްއޭގައި ރެޖިސްޓްރީވާން ހުޅުވާލައިފި އެވެ.
ފޮރިން އެކްސްޗޭންޖް ރޭޓްގެ ނިޒާމު ތަންފީޒު ކުރުމަށް ބޭރު ފައިސާ އިން ކުރާ މުއާމަލާތްތައް ކަނޑައެޅުމާއި ފޮރިން އެކްސްޗޭންޖް ރޭޓާބެހޭ އެހެނިހެން ސިޔާސަތުތައް ކަނޑައެޅުމެގެ ގަވާއިދަށް މިހާރު ވަނީ އަމަލުކުރަން ފަށާފަ އެވެ.
އެމްއެމްއޭ އިން ބުނީ، މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން، ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަކުން އެމްއެމްއޭގައި ރަޖިސްޓްރީން ވާން ޖެހޭ ކަމަށެވެ. އެގޮތުން މި ފަރާތްތަކުން މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެމްއެމްއޭއިން ރިޕޯޓިން ރިކުއަމަންޓެއްގެ ގޮތުގައި އެކުލަވާލާފައިވާ "މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެފްއެކްސް ޕޯޓަލް ރެޖިސްޓްރޭޝަން ފޯމް" މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ވަނީ އަންގާފަ އެވެ.
މިފަދަ ކަންކަމަކީ ރާއްޖޭގެ ފޮރިން އެކްސްޗޭންޖް މާކެޓް އިތުރަށް ފުޅާ ކުރުމަށާއި ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ފުރިހަމައަށް ތަންފީޒު ކުރުމަށް މުހިންމު ކަމެއް ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް މިކަމަށް އެއްބާރުލުން ދިނުމަށް އެމްއެމްއޭ އިން ވަނީ އެދިފަ އެވެ.
ރާއްޖެއަށް ވަންނަ ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ޓޫރިޒަމް ދާއިރާ އަށް ބޭރު ފައިސާ އިން ލިބޭ އާމްދަނީގެ ތެރެއިން ބައެއް ބޭންކުތަކަށް މާރުކުރުން އެމްއެމްއޭ އިން ވަނީ ލާޒިމުކޮށްފަ އެވެ.