މިއަހަރުގެ ވިންޓާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އެއާޕޯޓް އޮޕަރޭޝަންސް ޑިވިޝަނުން މިއަދު ބައްދަލުވުމެއް ބާއްވައިފި އެވެ.
އެމްއޭސީއެލް އިން ބުނީ މި ބައްދަލުވުމުގެ މަޤްޞަދަކީ ކުރިއަށް އޮތް ފަތުރުވެރިކަމުގެ ސީޒަންގައި އެއާޕޯޓް އޮޕަރޭޝަނަށް ދިމާވާ ގޮންޖެހުންތަކައި ގުޅޭގޮތުން މަޝްވަރާކޮށް އެ ކަންކަން ހައްލުކުރަން މަސައްކަތްތައް އިންތިޒާމު ކުރުން ކަމަށެވެ.
މި ބައްދަލުވުމަގައި އެމްއޭސީއެލް ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު، ޑެޕިއުޓީ މެނޭޖިންގޑިރެކްޓަރ މުޖްތަބާ ލަތީފް އަދި ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
ވިންޓަރ ރެޑިނަސް މީޓިންގައި ވާހަކަ ދައްކަވަމުން ސީއީއޯ ޝަރީފް ވިދާޅުވީ، ކުންފުނިން ވިންޓަރ ސީޒަނަށް ތައްޔާރުވަމުންދާއިރު އައު ބެގޭޖް ހޭންޑްލިންގ ސިސްޓަމެއްވެސް ތަޢާރަފުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މި ސިސްޓަމުގެ ސަބަބުން އެއަރޕޯޓުގެ މަސައްކަތްތައް މިހާރަށްވުރެ ހަލުވިކޮށް، ފަސިންޖަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ސީއީއޯ ވިދާޅުވި އެވެ.
އަދި އެމްއޭސީއެލްގެ ލަނޑުދަނޑިތަކާއި އެއްގޮތްވާގޮތުގެ މަތިން މުވައްޒަފުންނާއި މެނޭޖްމަންޓް ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދާނެކަން ފާހަގަކޮށް، އިކުއިޕްމަންޓް އަޕްގްރޭޑްކުރުމާއި ޚިދުމަތްތައް ރަނގަޅުކުރުމަށް އިސްކަންދޭނެކަމަށް ވިދާޅުވި އެވެ.
އެމްއޭސީއެލުން ބުނީ ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު މަޝްވަރާތައް ކުންފުނީގެ ހިއްސާދާރުންނާއި އެކު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު ބޭނުންކުރާ ޓަރމިނަލް ސަރަހައްދު ތަނަވަސްކޮށް، ކާރުބާރޫބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.