Last Updated: July 11, 19:25
Saturday, July 11, 2026
ޚަބަރު

ހުޅުމާލޭގައި ކުނި މެނޭޖްކުރުމަށް ބިން ދޫކޮށްފި

ހުޅުމާލޭގައި ކުނި ބަދަލުކުރާ މަރުކަޒެއް ތަރައްޤީކުރުމަށްޓަކައި ބިން ކުއްޔަށް ދިނުމަށް މިއަދު ތިން ފަރާތެއްގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން ފަންޑުކުރާ ކުނި މެނޭޖްކުރުން ރަނގަޅުކޮށް ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި އެއްބަސްވުމުގައި ބައިވެރިވާ ފަރާތްތަކަކީ މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށި އަދި ހަކަތައާބެހޭ ވުޒާރާއާއި، މާލިއްޔަތު ވުޒާރާ އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ. މި އެއްބަސްވުމުގެ ދަށުން އެޗްޑީސީން ކުނި މެނޭޖްކުރުމުގެ ބޭނުމަށް އެއް ހެކްޓަރުގެ ބިމެއް ކުއްޔަށް ދޫކުރާނެ އެވެ.

މި މަޝްރޫޢުގެ ދަށުން ޤާއިމްކުރާ ކުނި ބަދަލުކުރާ މަރުކަޒުގެ މަސައްކަތް ނިމޭނެކަމަށް ލަފާކޮށްފައިވަނީ ޑިޒައިން ފޭސް ނިމުމަށްފަހު 18 މަސްދުވަހުގެ ތެރޭގަ އެވެ.

މި މަޝްރޫޢަކީ ސަރުކާރުގެ "މަގޭ ސާފު ރާއްޖެ" ކެމްޕެއިންގެ ދަށުން ކުރިއަށްގެންދާ ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.