އުތުރު މެރިޓައިމް ސަރވިސް (ޔޫއެމްއެސް)ގެ ޚިދުމަތް ހޯދުމަށް އައި ފުރަތަމަ އުޅަނދު މިއަދު ހެނދުނު އިހަވަންދިއްޕޮޅުގައި ބަނދަރުކޮށްފި އެވެ.
ޔޫއެމްއެސްގެ ދަށުން ތަޢާރަފްކުރި ބައެއް ޚިދުމަތްތައް ހޯދުމަށް މިއަދު ހެނދުނު އިހަވަންދިއްޕޮޅަށް ބަނދަރުކުރީ "ޖިއަން ޖިއޭ" (JIAN JIE) ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެކެވެ.
މި ބޯޓު ކުރޫ ޗޭންޖްވާ ފަޅުވެރިން ވަނީ މިއަދު ހަވީރު އުލިގަމަށް ފައިބައި އުލިގަމުގައި ހަދާފައިވާ "ސީމަންސް ރެސްޓް އޭރިޔާ" ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެފަ އެވެ.
އުލިގަމުގައި މިއަދު ހުޅުވި "ސީމަންސް ރެސްޓް އޭރިޔާ" އަކީ އުލިގަމުގައި އެމް.ޕީ.އެލް އިން ޤާއިމްކޮށްފައިވާ އިންޓަނޭޝަނަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިން އެތެރެވާ އުޅަނދު ފަހަރުގެ ފަޅުވެރިންނަށް، އެ ރަށުގައި މަޑުކޮށް، އަރާމުކޮށްލައި ބައެއް ކުޅިވަރުތައް ކުޅެވޭގޮތަށް ހަދާފައިވާ ތަނެކެވެ.
އިހަވަންދިއްޕޮޅަށް މިއަދު ބަނދަރުކުރި އުޅަނދުން ވަނީ ޔޫއެމްއެސްގެ ޚިދުމަތުގެ ދަށުން ކްރޫ ޗޭންޖްގެ ޚިދުމަތާއި ފެނާއި ސަޕްލައި ކުނި ނައްތާލުން އަދި ބައެއް ސްޕެއަރ ޕާޓްސް ހޯދުމަށް އެދިފައެވެ. އަދި މެއިންޓޭނަންސްގެ ބައެއް މަސައްކަތްތައްވެސް ކުރަންޖެހޭތީ ފަސް ވަރަކަށް ދުވަހު އިހަވަންދިއްޕޮޅުގައި މި އުޅަނދު މަޑުކުރާނެ ކަމަށް ލަފާކުރެވެ އެވެ.
އެމްޕީއެލް ގެ ސީއީއޯ މުހައްމަދު ވަޖީހް ވިދާޅުވީ މި ބޯޓު އިހަވަންދިއްޕޮޅުގައި މަޑުކުރާ ދުވަސްވަރުގައި އެ ސަރަހައްދުގެ ރައްޔިތުންނަށް ވިޔަފާރިގެ އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށާއި މިއީ މެރިޓައިމްގެ ދާއިރާގެ ތަރައްޤީއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.